ޑްރޯން ބޭނުންކޮށްގެން ރަށްރަށަށް ބޭސް ފޮނުވުމަށް ގަވައިދު ހަދައި ނިމުމާ އެކު މި އަހަރުގެ ތެރޭގައި އެކަން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހެލްތުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޝައުފާ ހުސެއިން މިހާރު ނޫހާ ހަވާލާދީ ވިދާޅުވީ ބޭސް ފޮނުވުމާ ގުޅޭ ގައިޑްލައިން ހެދުމަށް އެސްޓީއޯއާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެކަން ނިންމުމަށް ފަހު މި އަހަރުގެ ތެރޭގައި ޑްރޯނުން ބޭސް ފޮނުވަން ފަށާނެ ކަމަށާއި އެންމެ ފުރަތަމަ އަތޮޅަކަށް ތ. އަތޮޅު ހަމަޖައްސާފައިވާ ކަމަށް ޝައުފާ ވިދާޅުވި އެވެ.
އެސްޓީއޯ މެދުވެރިވެގެން ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީ ސާމާނު ފޮނުވުމަކީ ކުރީގެ ސަރުކާރުން ވެސް ވިސްނި ކަމެކެވެ. ގދ. އަތޮޅުގައި އެކަމުގެ ޓެސްޓު ދަތުރެއް މިދިޔަ އޮގަސްޓް މަހު ބޭއްވި އެވެ.
އިމަޖެންސީގައި ބޭސް އުފުލުމަށް ބައެއް ގައުމުތަކުގައި މިހާރު ވެސް މަދުން ނަމަވެސް ޑްރޯން ބޭނުން ކުރެ އެވެ. ހާއްސަކޮށް، އެކަހެރި ހިސާބުތަކަށް ޑްރޯންގެ މުހިންމުކަން ބޮޑެވެ. ރަށްރަށަށް ބޭސް ފޮނުވުމަށް ވަރަށް ބޮޑު ހަރަދެއް ހިނގައެވެ. އެހެންކަމުން ޑްރޯނުން ބޭސް ފޮނުވަން ފެށުމާއެކު ހަރަދުތައް ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

