ޕާކިސްތާނުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ސިންދުގެ ފިނިހޫނުމިން 52 ޑިގްރީ ސެލްސިއަސް (125.6 ޑިގްރީ ފެރެންހައިޓް) އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ ހޫނު މޫސުމުގައި އެގައުމުގެ ރެކޯޑް މިންގަނޑާ ގާތް އަދަދެއް ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މުޅި އޭޝިއާއަސް ރެކޯޑް މިންވަރަކަށް ހޫނުގަދަވެފައިވަނީ އިންސާނުން ގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ބައިނަލްއަގުވާމީ ސައިންސްވެރިންގެ ޓީމަކުން ބުނެފި އެވެ.
ޕާކިސްތާނުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުގެ އިސް އޮފިޝަލެއް ކަމުގައިވާ ޝާހިދު އައްބާސް ރޮއިޓާސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި، މީލާދީން 2500 ވަނަ އަހަރު ބިނާކޮށްފައިވާ އިންޑަސް ވެލީ ސިވިލައިޒޭޝަންގެ އާސާރީ ތަނެއްގެ ގޮތުގައި މަޝްހޫރު ސިންދުގެ އަވަށެއް ކަމަށްވާ މޮހެންޖޯދާރޯގެ ފިނިހޫނުމިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 52.2 ސެލްސިއަސް (126 ފެރެންހެއިޓް) އަށް އަރާފައިވާ ކަމަށެވެ.
މިއީ މި މޫސުމުގައި މިހާތަނަށް ބަލާއިރު އެންމެ ހޫނުގަދަ ވެފައިވާ މިންވަރެވެ. ޕާކިސްތާނުގެ ރެކޯޑް ކުރެވިފައިވާ އެންމެ މަތީ ފިނިހޫނު މިނަކީ 53.5 ސެލްސިއަސް (128.3 އެފް) އާއި 54 ސެލްސިއަސް (129.2 އެފް) ދެމެދުގެ އަދަދެކެވެ.
މޮހެންޖޯދާރޯ އަކީ ހޫނުގަދަ، ވަރަށް މަދުން ވާރޭ ވެހޭ އަވަށެކެވެ. އެ އަވަށުގެ ވިޔަފާރި ކުރާ ތަންތަން މަދު ނަމަވެސް ބޭކަރީތަކާއި ސައި ވިއްކާ ތަންތަނުގެ އިތުރުން މޭވާ އާއި ތަރުކާރީ ވިއްކާ މާރުކޭޓުތައް ކަސްޓަމަރުންގެ މެދުގައި ހަލަބޮލިއެވެ. ނަމަވެސް މިހާރު ހޫނު ގަދަވުމާ އެކު މި ތަންތަނަށް މީހުން އަންނަތަނ ނުފެނެއެވެ.
ކަސްޓަމަރުން ރެސްޓޯރަންޓަށް ނާންނަނީ ހޫނުގަދަކަމުން. ކަސްޓަމަރެއް ނެތި ރެސްޓޯރެންޓުގައި އެއްވެސް ކަމެއް ނުކޮށް ހުސްކޮށް މި އިންނަނީ،" އެ ރަށުގައި ޓީ ސްޓޯލެއް ހިންގާ ވާޖިދު އަލީ، 32، ބުނެ އެވެ.
"ދުވާލަކު އެތައް ފަހަރަކު ފެންވަރާލައިގެން ނޫނީ މި ހޫނަށް ކެތެއް ނުވޭ. އަދި މިހާރު ކަރަންޓެއް ވެސް ނެތް. ހޫނުގެ ސަބަބުން ވަރަށް ބޮދެތި އުނދަގޫތަކާއި ކުރިމަތިލާންޖެހޭ."
އެ ގައުމުގެ ޑޮކްޓަރެއް ކަމަށްވާ މުޝްތާގު އަހްމަދު ބުނީ ހޫނުގައި ދިރިއުޅެން ރައްޔިތުން ހޭނިފައިވާ ކަމަށާއި ގޭގައި ތިބެ ފިނިކުރުމަށް ފެން ބޭނުންކުރަމުންދާ ކަމަށެވެ.
"ޕާކިސްތާނަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ފަސް ވަނައަށް އެންމެ ބޮޑަށް ކުރާ ގައުމެވެ. ގިނަފަހަރު ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަ އާއި ކުރިމަތިލާން ޖެހޭ." މޫސުމާ ބެހޭ ބޮޑުވަޒީރުގެ ކޯޑިނޭޓަރު ރުބީނާ ޚުރްޝީދު އަލަމް ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ހޫނުގަދަވުމައި ގުޅިގެން ސަރުކާރުން ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ހިންގަމުން އަންނަ ކަމަށެވެ.
ޕާކިސްތާނުގައި އެންމެ މަތީ ފިނިހޫނުމިން ރެކޯޑްކުރެވިފައިވަނީ 2017 ވަނަ އަހަރު ހުޅަނގު ދެކުނު ޕްރޮވިންސެއް ކަމަށްވާ ބަލޫޗިސްތާނުގައި އޮންނަ ތުރުބަތު ސިޓީގެ ފިނިހޫނުމިން 54 ސެލްސިއަސް (129.2 ފެރެންހައިޓް) މައްޗަށް ގޮސްގެންނެވެ.
ޕާކިސްތާން މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓްގެ ޗީފް މީޓިއޮރޮލޮޖިސްޓް ސަރްދާރު ސަފްރާޒް ބުނީ މިއީ އޭޝިއާގެ ދެވަނައަށް އެންމެ ހޫނުގަދަ އަދި ދުނިޔޭގައި ހަތަރު ވަނައަށް އެންމެ މަތީ ފިނިހޫނު މިނެވެ.
މޮހެންޖޯދާރޯ އާއި ވަށައިގެންވާ ސަރަހައްދުތަކަށް ކުރިއަށް އޮތް ތާގައި ފިނިވާނެއެވެ. ނަމަވެސް ސިންދުގެ ވެރިރަށް ކަރާޗީ ގެ އިތުރުން ސިންދުގެ އެހެން ސަރަހައްދުތަކަށް އަނެއްކާވެސް ހޫނު ގަދަވާނެ ކަމަށް ބެލެވެ އެވެ.

