އެމްއެންޑީއެފްގެ ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލި މުހައްމަދު ޒައިދާން ނިޔާވެއްޖެއެވެ.
މިކަން އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ލ.ކައްދޫގައި ކުރިއަށް ގެންދިޔަ ސިފައިންގެ ތަމްރީނެއްގެ ތެރެއިން ލ. މާވަށް ކައިރީ މޫދުގައި ތަމްރީނުގެ ބައެއް ކުރިއަށް ދަނިކޮށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ނިޔާވެފައިވަނީ ލާންސްކޯޕްރަލް މުހައްމަދު ޒައިދާން (ރ.އުނގޫފާރު/ނިއުލައިފް) ކަމަށެވެ.
ޒައިދާން ނިޔާވެފައިވަނީ ލިބުނު ޒަހަމްތަކަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 20:40 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ހާދިސާއާއި ގުޅިގެން ޒައިދާން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނުއިރު، މިޔަރު ހަމަލާދީފައިވަނީ އޭނާގެ ފަލަމަސްގަނޑަށްކަން ވެސް ވަނީ އެނގިފައެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ވަނީ ފައިބާފައެވެ.

