އިޒްރޭލު ޕާސްޕޯޓުގައި ދިވެހިރާއްޖެ އަށް އެތެރެވުން މަނާ ކުރަން ސަރުކާރުން ނިންމުމާއެކުހެން ދިވެހިރާއްޖެ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް ވެއްޖެއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގައުމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންވެސް އަދި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވެސް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އެމަނިކުފާނު ވަޑައިގަންނަވަނީ ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމުތަކުގައާއި އެކި މަންސަތަކުގައިވެސް އަޑުއުފުލައި ފަލަަސްތީނު ސަލާމަތްކޮށް އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވަމުންނެވެ، ރާއްޖޭގެ ރައީސާއި އެހެންވެސް ރާއްޖޭގެ އާންމުރައްޔިތުންވެސް އިޒްރޭލާ ދެކޮޅަށް އަޑުއުފުލާއިރު އަދިވެސް އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ނުކުރާ ކަމަށްބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުކޮށްފައެވެ.
މީގެ ކުރިންވެސް މިގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ގޮވާލުމުން އޭރުގެ ސަރުކާރުގެ މެޖޯރިޓީ މަޖިލިހުގައި އޮވެމެ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެކަން ކޮށްފައެއް ނުވެއެވެ.
އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވަނީ އިއުލާނު ކުރައްވާފައެވެ.
ސަރުކާރުގެ މިނިންމުމާއި ގުޅިގެން ދިވެހިންގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އެކަމަށް ތާއީދުކޮށްފައެވެ. އަދި ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީތަކުގައި ވެސް އަންނަނީ އެވާހަކަތައް ދައްކަމުންނެވެ.
އިސްރާއީލުގެ މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް ޕާސްޕޯޓު މަނާ ކުރިއިރު، މިދިޔަ އަހަރު ގާތްގަނޑަކަށް 11،000 އިސްރާއީލު މީހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ޖުމްލަ ޒިޔާރަތް ކުރި ޓޫރިސްޓުންގެ 0.6 އިންސައްތަކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
އިޒްރޭލުގެ މީޑިއާތަކުން ރާއްޖޭގެ މިނިންމުމަށް ރާއްޖެއަށް ފާޑުކިޔަމުން ދާއިރު ފަލަސްތީނުގެ “ވަފާ ނޫސް”ގެ ސަމާލުކަމަށް ރާއްޖޭގެ މިހަބަރުވަނީ ގޮސްފައެވެ. ރާއްޖޭން އަބަދު ވެސް ފަލަސްތީނުގެ ހައްގުގައި އަޑު އުފުލައި، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭކަން ވަފާ ނޫހުން ވަނީ ފާހަގަ ކޮށްފައެވެ.

