ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި ރޭ ކުޅުނު ފިިރިހެން ޑިވިޝަނުގެ މެޗުގައި ތިނަދޫ ޕޮލިސް ބަލިކޮށް މޯލްޑިވްސް ސްޓާރުން މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފިއެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ތިނަދޫ ޕޮލިހާ ވާދަކޮށް މޯލްޑިވްސް ސްޓާރުން މެޗު ނެގީ 3 ސެޓު 1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓު 25-10 އަދި 25-19 އިން ގެންދިޔައީ މޯލްޑިވްސް ސްޓާރުންނެވެ. ތިންވަނަ ސެޓު 25-21 އިން ޕޮލިހުން ނަގާފައިވަނިކޮށް މޯލްޑިވްސް ސްޓާރުން މެޗު ކާމިޔާބުކުރީ ހަތަރު ވަނަ ސެޓު 25-17 އިން ގެންގޮސްގެންނެވެ. ޕްލޭޔާ އޮފްދަ މެޗަކަށް ހޮވުނީ މޯލްޑިވްްސް ސްޓާރުގެ ޖާޒީ ނަންބަރު 17 އާދަމް ޝަރީފެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ދެ ޖާގަ ވެސް ވަނީ ކަށަވަރުވެފައެވެ. މި މަހުގެ 5 ވަނަ ދުވަހު ކުޅޭ ފައިނަލުގައި މޯލްޑިވްސް ސްޓާރާ ބައްދަލުކުރާނީ ސޭމް ސޭމް އެވެ. މި ދެ ޓީމު ލީގު ބުރުގައި ކުޅުނު މެޗުން ސޭމް ސޭމް ވަނީ މޮޅުވެފައެވެ. އެއީ ލީގު ބުރުގައި މޯލްޑިވްސް ސްޓާރަށް ގެއްލުނު ހަމައެކަނި މެޗެވެ. އަނެއްކޮޅުން ސޭމް ސޭމުން ފައިނަލަށް ދަތުރުކުރީ ލީގު ބުރުގައި ބާކީ އަދި އެއް މެޗު އޮއްވައެވެ. ލީގު ބުރުގެ ފަހު މެޗުގައި ސޭމް ސޭމް އަދި ޝޫޓިންގް ސްޓާރޒް މިއަދު ވާދަކުރާނެއެވެ.
ޕޮއިންޓް ތާވަލަށް ބަލާއިރު 5 މެޗުން ހޯދި 13 ޕޮއިންޓާއެކު މޯލްޑިވްސް ސްޓާރް މިވަގުތު އެއްވަނައިގައި އޮތްއިރު 4 މެޗުން ހޯދި 11 ޕޮއިންޓާއެކު ދެވަަނައިގައި އޮތީ ސޭމް ސޭމެވެ. 5 މެޗުން 9 ޕޮއިންޓް ހޯދި ތިނަދޫ ޕޮލިސް ތިންވަނައިގައި އޮތްއިރު 5 މެޗުން އެއްކުރި 6 ޕޮއިންޓާއެކު ހަތަރުވަނަ ލިބެނީ ސްކޯޕިއަންސް އަށެވެ. 5 މެޗުން ހޯދި 3 ޕޮއިންޓާއެކު ފަސްވަނައިގައި ޑީއާރުސީ މެންސް އޮތްއިރު މިހާތަނަށް 4 މެޗު ކުޅެފައިވާ ޝޫޓިންގް ސްޓާރޒް އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ.

