ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި ރޭ ކުޅުނު އަންހެން ޑިވިޝަނުގެ މެޗުގައި އިންފިނިޓީ ބަލިކޮށް އޯލް ސްޓާރޒް އިން ލީގު ތާވަލުގެ ތިންވަނަ އަށް ޖެހިލައިފިއެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ އިންފިނިޓީއާ ވާދަކޮށް އޯލް ސްޓާރުން މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-18، 25-12 އަދި 25-06 އިންނެވެ. މެޗުގެ ޕްލޭޔާ އޮފްދަ މެޗަށް ހޮވުނީ އޯލް ސްޓާރޒްގެ ޖާޒީ ނަންބަރު 07 ސިރްދާ ސައީދެެެވެ.
މި މޮޅާއެކު އޯލް ސްޓާރޒް އަށް ވަނީ ތިން މެޗުން 6 ޕޮއިންޓް ލިބިފައެވެ. އަންހެން ޑިވިޝަނުގެ ތާވަލުގެ އެންމެ ކުރީގައި އޮތީ ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައިވާ ޑީއާރުސީ ވިމެންސް އެވެ. ތާވަލުގެ ދެވަނައިގައި މިވަގުތު އޮތީ ހަތަރު މެޗުން ހޯދި 7 ޕޮއިންޓާއެކު ކުއީން ބީސް އެވެ. އޯލް ސްޓާރޒްގެ ފަހަތުުން ހަތަރުވަނައިގައި އޮތީ 3 މެޗުން ހޯދި 5 ޕޮއިންޓާއެކު ފިޓް ފެމިނައިނެވެ. ފުލުގައި އޮތް އިންފިނިޓީ އަށް ޕޮއިންޓެއް ނުލިބެއެވެ.
މީގެ ތެރެއިން އެއްވަނައިގައި އޮތް ޑީއާރުސީ ވިމެންސް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީންކޮށްފައެވެ. އަނެއްކޮޅުން ފައިނަލުގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު ކުއީން ބީސް، ފިޓް ފެމިނައިން އަދި އޯލް ސްޓާރަށްވެސް އަދި އެބައޮތެވެ.
އަންހެން ޑިވިޝަނުގެ ލީގު ބުރުގައި ބާކީ ކުރިއަށް އޮތީ އެންމެ މެޗެކެވެ. އެއީ އޯލް ސްޓާރާއި ފިޓް ފެމިނައިން މިރޭ ވާދަކުރާ މެޗެެވެ. ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވާނީ މި މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

