ށ. މިލަންދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ މަގުތަކުގެ 95 އިން ސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީ އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މިލަންދޫގެ 9 މަގަކާއި 3 ގޯޅިއެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނޭ ކަމަށާއި އެއީ ޖުމްލަ 6.3 ކިލޯމީޓަރ ކަމަށް އާރްޑީސީ އިން ވަނީ ހާމަކޮށްފައެވެ.
އާރްޑީސީ އިން ބުނި ގޮތުގައި ށ މިލަންދޫގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ޖެހޭ މަގުތަކުގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައްވަނީ ނިމިފައެވެ. އަދި ކާރބް ސްޓޯން ޖެހުމާއި ދުވާރުގެ މަސައްކަތްތަކުގެ 98 އިން ސައްތަ ވަނީ ނިންމާލެވިފައި ކަމަށާއި މަގު ބައްތި ޖެހުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، އެންމެ ގޯޅިއެއްވިޔަވައި ތާރު އެޅުމުގެ މަސައްކަތްތައްވެސް ނިންމާލެވިފައިވާ ކަމަށް އާރްޑީސީ އިން ވަނީ ބުނެފައެވެ.

ށ މިލަންދޫ މަގު ހެދުމުގެ މަޝްރޫއު….ފޮޓޯ:އާރްޑީސީ
އެ މަސައްކަތްތައް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ސްޕީޑް ބްރޭކަރތައް ހެދުމާއި މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްކަތްތައް ކަމަށާއި އަދި މީގެ އިތުރުން ފިނިޝިންގ ގެ މަސައްކަތް ކުރަމުންދާ ކަން ވެސް އާރްޑީސީ އިން ވަނީ ހާމަކޮށްފައެވެ.
އާރްޑީސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 12 މާރިޗު 2020 ގައެވެ. މި މަޝްރޫޢުގެ އަގަކީ 156,477,632.23 ދވެހި ރުފިޔާ އެވެ.
ށ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނު ދުވަހަކީ ދުނިޔެއަށް ކުރިމަތި އާލަމީ ވަބާ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރި ދުވަސްވަރުގައި ކަމަށްވުމާއެކު ކުންފުނިން ހިންގަމުން އައި މަޝްރޫޢުތައް ށ. މިލަންދޫ ހިމެނޭހެން މަޑުޖައްސާލަން މަޖުބޫރުވިކަމަށް އާރްޑީސީ އިން ބުންޏެވެ. ދަތުރުފަތުރުގެ ގޮންޖެހުންތަކާއެކު މަޝްރޫޢުތައް ހިންގުމަށް ރަށްރަށަށް ދަތުރު ކުރުން ހުއްޓާލަން ޖެހުނެވެ.

ށ މިލަންދޫގެ މަގުހެދުމުގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 12 މާރިޗު 2020ގައި….ފޮޓޯ:އާރްޑިސީ
މަޝްރޫޢުތަކަށް ބޭރުން ގެންނަ އެކިހަލަ ސާމާނާ ވަސީލަތްތައް ރާއްޖެ ނުގެނެވި ލަސްވިކަން ފާހަގަކުރުމާއެކު އާރްޑީސީ އިން ބުނީ މިކަމުގެ އިތުރުން ރަށްރަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުމުގެ އިތުރަށް ކޯވިޑް ލޮކްޑައުންގެ ސަބަބުން މުވައްޒަފުންގެ ޢަދަދު މަދުވުމުގެ ދަތިތަކާއިވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެންނަަމަވެސް އެހުރިހާ ކަމަކުން އަރައިގަނެވިމިއަދު މިވަނީ ށ މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު ކުރިއަށް ގޮސް މިވަނީ 95 އިން ސައްތަ ނިމިފައެވެ.
ށ މިލަންދޫއަކީ ވެރިރަށް މާލޭގެ އުތުރުން 235.12 ކިލޯމީޓަރު ދުރުގައި އޮންނަ ށަވިޔަނި އަތޮޅުގެ މީހުން ދިރިއުޅޭ ރަށެކެވެ. އެއީ ށަވިޔަނި އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން އެއް ރަށެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ރަށްރަށުގެ މަގުތައް ތަރައްޤީކޮށް، ފެންބޮޑުވުން ހުއްޓުވުމަށާއި، ރަށްރަށުގެ ރައްޔިތުންނަށް ރަށްރަށުގައި ހިނގާބިނގާވެ އުޅުމަށް ރައްކާތެރި އަދި ފަސޭހަ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

