ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި ރޭ ކުޅުނު ފިިރިހެން ޑިވިޝަނުގެ މެޗުގައި ޝޫޓިންގް ސްޓާރޒް ބަލިކޮށް ފުރިހަމަ ރެކޯޑަކާއެކު ސޭމް ސޭމުން ލީގު ބުރު ނިންމާލައިފި އެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ޝޫޓިންގް ސްޓާރޒްގެ މައްޗަށް ސޭމް ސޭމުން ކުރިހޯދީ ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓުތައް ސޭމް ސޭމުން ގެންދިޔައީ 25-15، 25-13 އަދި 25-16 އިންނެވެ. ޕްލޭޔާ އޮފްދަ މެޗަށް ހޮވުނީ ސޭމް ސޭމްގެ ޖާޒީ ނަންބަރު 20 އަހުމަދު ޒައިދު މުހައްމަދު ނައީމެވެ.
މި މެޗާ ކުރިމަތިލިއިރު ވެސް ސޭމް ސޭމަށް އޮތީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފަ އެވެ. އެ ޓީމުން ލީގު ބުރު ނިންމާލީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް 14 ޕޮއިންޓާއެކުއެވެ. 13 ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެވަނައިގައި ނިންމައި ފައިނަލުގެ ދެވަނަ ޖާގަ ހޯދީ މޯލްޑިވްސް ސްޓާރެވެ. 9 ޕޮއިންޓް ހޯދި ތިނަދޫ ޕޮލިސް ތިންވަނަައިގައި ނިންމާލިއިރު 6 ޕޮއިންޓާއެކު ހަތަރުވަނަ ލިބެނީ ސްކޯޕިއަންސް އަށެވެ. 5 ވަނައިގައި ނިންމާލި ޑީއާރުސީ މެންސް އަށް 3 ޕޮއިންޓް ލިބުނުއިރު ފުލުގައި ނިންމާލި ޝޫޓިންގް ސްޓާރޒް އަށް ޕޮއިންޓެއް ނުލިބެއެވެ.
މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ.

