އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން ޤާނޫނަށް ބަދަލުގެ ނައުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން އެކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ތައުރީފު ކުރައްވައިފިއެވެ.
ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅު ހެދުމަށް، އިސްރާޢީލްގެ ފާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އަދުގެ ސަރުކާރުން ނިންމެވި ނިންމެވުމަށް ހުރިހައި ދިވެހިންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކޮށް ތައުރީފު ކުރައްވާކަމަށެވެ.
އިސްރާޢީލް ޕާސްޕޯޓު ބޭނުން ކޮށްގެން ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ނިންމި ނިންމުމުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ދިވެހިން ދަނީ ސަރުކާރަށް ތައުރީފު ކުރަމުންނެވެ. އަދި މިކަން މިހާރު ވަނީ ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިސްފައެވެ.
ޔަހޫދީ ދައުލަތުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް، ކުރިން ނުނަގާ ސްޓޭޑުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު، ނަންގަވަމުންދާ ކަމަށާއި އެކި ޕްލެޓްފޯމުތަކުގައި ޚިޔާލުފާޅު ކުރައްވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވިދާޅުވެފައެވެ. އަދި ރާއްޖޭން އެ މައްސަލައިގައި ކުރެވޭނެ ކަންކަން ކަނޑައަޅައި ފިޔަވަޅުތައް އެޅުމަށް ވަޒީރުންގެ މަޖިލީހުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

