ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުން ކަނޑައަޅައި، މިއަދު ނަންތައް ތަރުތީބުކޮށްފިއެވެ.
މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން ނުކުޅެދިއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅަން ޖެހެނީ މަޖިލީހުގެ ރައީސެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި، ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލީހަށް މެޑުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވަނީ:
1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު – މެދުނުކެނޑި 19 އަހަރާއި 3 މަސް ދުވަސް.
2. މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް – މެދުނުކެނޑި 15 އަހަރު.
3. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް – މެދުނުކެނޑި 15 އަހަރު.
4. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ – މެދުނުކެނޑި 15 އަހަރު.
5. މަހިބަދޫ ދާއިރާއިގެ މެންބަރު އަހުމަދު ތޯރިގް – މެދުނުކެނޑި 10 އަހަރު.
އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ ވޯޓު ގަޑީގައި މި ނަންތަކަށް ވޯޓަށް އަހާނެ ކަމަށެވެ.
ލިސްޓުގެ ކުރީގައި ތިއްބެވި ހަތަރު މެންބަރުންނަކީ މީގެ ކުރީ ދައުރުގައި ވެސް ރިޔާސަތު ބެލެހެއްޓެވި މެންބަރުންނެވެ.
މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި އޮންނަ ގޮތުން ނަމަ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރިޔާސަތާ ހަވާލުވާ ފަސް މެންބަރުން ވާން ޖެހޭނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މެންބަރުންނަށެވެ.
އަދި، އެ މެންބަރުންގެ ތަރުތީބު ކަނޑައަޅާނީ އެ ފަސް މެންބަރުންގެ މެންބަރުކަމުގެ މުއްދަތަށް އިސްކަންދީގެންނެވެ. އެގޮތުން، މެންބަރުކަމުގެ މުއްދަތު ދެ މެންބަރެއްގެ ދޭތެރޭގައި ހަމަހަމަވެއްޖެ ހިނދެއްގައި އެފަދަ މެންބަރުން ތަރުތީބުކުރާނީ އެ މެންބަރުންގެ އުމުރުގެ ދޮށީކަމަށް އިސްކަންދީގެން ކަމަށް ވެސް މަޖިލީހުގެ ގަވާއިދުގައިވެއެވެ.
ލިސްޓުގެ ކުރީގައި ތިއްބެވި ސިޔާމް، ގާސިމް، އަދި އަބްދުލްޣަފޫރަކީ މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ރިޔާސަތު ބެލެހެއްޓެވި މެންބަރުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ސިޔާމް، ގާސިމް ޣަފޫރު އަދި ސަލީމް ތިއްބެވިއެވެ. އެކަމަކު، އެ ފަހަރު އެމްޑީޕީން އިޚުތިޔާރުކުރީ ލިސްޓުގެ ތިންވަނައަށް ޣަފޫރެވެ.

