އާދެ! ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ހިތްތަކުގެ ހަމަޖެހުމެވެ. ލޮލުގެ ނޫރެވެ. އެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއްދީ ހެޔޮގޮތުގައި ބޮޑުކުރުމަށް ކޮންމެ ބެލެނިވެރިޔަކު ވެސް ބޭނުންވާނެ އެވެ. ކުދިންގެ މުސްތަގްބަލު ބައްޓަން ވެވެނީ އެކުދިންގެ އެންމެ ތުއްތު އިރުން ފެށިގެން ދެވޭ ތަރުބިއްޔަތަށް ބިނާކޮށެވެ. އެންމެ ކުޑައިރުންސުރެ ވެސް އެ ކުދިންނަށް އިވޭ އިވުންތަކާއި އުޅޭ މާހައުލުން ފެންނަ ކަންތައްތައް އެކުދިން ވަރަށް އަވަހަށް ނަކަލު ކުރާނެ އެވެ.
ތިޔައިގެ ތެރެއިން ކޮންމެ ބެލެނިވެރިއެއް ވެސް ދެކެން އެންމެ ބޭނުންވާނީ އެ ބެލެނިވެރިއެއްގެ ދަރިފުޅު އިސްލާމީ ރިވެތި ތަރުބިއްޔަތަަކުން ތަރުބިއްޔަތު ވެވިގެން މުޖުތަމައު ތެރެއަށް ނުކުންނަތަން ދެކެން ކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މިފަދަ ތަރުބިއްޔަތަކުން ތިމާގެ ދަރިފުޅު ނުވަތަ ދަރިން ތަރުބިއްޔަތު ކުރުމަކީ ކުޑަކަމެއް ކަމުގައި ދެކިގެން ނުވާނެ އެވެ. ކުއްޖާ އުފަން ވުމަށްފަހު ހޭދަވާ އެންމެ ފުރަތަމަ 5 އަހަރު ތެރޭގައި އިވޭ އަޑުތަކާއި ފެންނަ ކަންތައްތައް ވާން ޖެހޭޭނީ އިސްލާމީ ރިވެތި އުސޫލުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމުގައި ވާނަމަ އެ އެޅިގެންދަނީ ރަނގަޅު ތަރުބިއްޔަތަކަށް ހެޔޮ ބިންގަލެކެވެ.
ހިތާމައަކީ މިޒަމާނުގައި ދަރިފުޅު ބަސް ދަސްކުރާ އުމުރުގައި ގިނަ މައިންބަފައިންގެ އާދައަކަށް ވެފައި އޮންނަނީ ދަރިފުޅުގެ އަތަށް ފޯނެއް ނޫނީ ޓެބްލެޓެއް ދީފައި އިނގިރޭސި ބަހުން ވާހަކަ ދައްކާ ވީޑިއޯތައް ބަލާލަން ގިނަ ވަގުތު ދަރިފުޅު އެގޮތުގައި ދޫކޮށްލުމަށެވެ. މިހެންގޮސް ދެތިން ގަޑި އިރު ވަންދެން ވެސް ބައެއް ފަހަރަށް ޓެބްލެޓަށް ނުވަތަ ފޯނަށް ގެއްލިފައި ދަރިފުޅު ބައިންދަފާނެ އެވެ. އެންމެ ކުޑައިރުންސުރެ ފެށިގެން މިފަދަ ގޮތަކަށް ދަރިފުޅުގެ ރޫޓިން ބެހެއްޓުމުގެ ސަބަބުން ދަރިފުޅުގެ ސިކުނޑި ހުޅުވާލެވެނީ މުޅިންހެން އިނގިރޭސި ބަހަށެވެ. މިފަދަ ކުދިން ބޮޑެތި ވަމުން އަންނައިރު ވާހަކަ ދައްކަނީވެސް އިނގިރޭސި ބަހުންނެވެ. ތިމާމެންގެ އަތުން ތިމާމެންގެ ކުޑަ ދަރިފުޅުގެ ދިވެހި ބަސްމޮށުންތެރިކަން ބަދަލު ކުރުމުގެ ފުރުސަތު ދެވުނު ކަން ގިނަ ފަހަރަށް ހަނދާނެއް ނުހުރެއެވެ. އިނގިރޭސި ވީޑިއޯތަކާއި ލަވަތަކަށް ދަރިފުޅު ލޯބި ޖެއްސުމުގެ ނަތީޖާއަކީ އަޅުގަނޑުމެންގެ ދިވެހި ބަހަށާއި ކީރިތި ގުރުއާން އުނގެނުމަށް ދަރިފުޅަށް ދަތިވުމެވެ. އިނގިރޭސި ބަސް ދަސްކުރުމަކީ ގޯސްކަމެއް ނޫނެވެ. ގޯސްވަނީ ކުއްޖާ އިނގިރޭސި ބަހަށް މާބޮޑަށް އަހުލުވެރިވުމުގެ ސަބަބުން ދިވެހި ބަހަށާއި ކީރިތި ގުރުއާނަށް ދެވެން ޖެހޭ ސަމާލުކަން ކުޑަވެ ދިވެހި ބަހުގެ ބަސްމޮށުންތެރިކަން މާ ބޮޑަށް ދަށްވެގެން ދިއުމުންނެވެ.
ކީރިތި ގުރުއާނަކީ ކޮންމެހެންވެސް ދަސްކޮށްދޭންޖެހޭ، އާޚިރުގައި އެކަމާ ބެހޭގޮތުން ތިމާއާއި ސުވާލު ކުރެވޭނެ ކަމެކެވެ. ދަރިފުޅު ބޮޑު ވަމުން އަންނައިރު ދަރިފުޅަށް ކީރިތި ގުރުއާން ދަސްކޮށްދޭން ބެލެނިވެރިން މަސައްކަތް ކުރެ އެވެ. ނަމަވެސް، އެންމެ ތުއްތު އިރުން ފެށިގެން ދަރިފުޅުގެ ސަމާލުކަން އިނގިރޭސި ވީޑިއޯތަކާއި، ޖުމްލަ ގޮތެއްގައި އިނގިރޭސި ބަހަށް މާ ބޮޑަށް ލޯބި ޖެއްސުމަށްފަހު ދެން ގުރުއާން އުނގަންނައިދޭން ކުރެވޭ މަސައްކަތް ގިނަ ފަހަރަށް ކާމިޔާބެއް ނުވެ އެވެ. މާނަ އަކީ ކުއްޖާގެ ސަމާލުކަން ގުރުއާނަށް ދޭން ޖެހޭ ވަރަށް ނުދެވެ އެވެ.
އެންމެ ކުޑައިރުންސުރެ އޭބީސީޑީގެ ލަފްޒުތައް ކިޔައިދޭން މަސަތްކަތް ކުރުމަށްވުރެ ބޮޑަށް ގުރުއާން ދަސްކޮށްދޭން މަސައްކަތް ކުރަންވާނެ އެވެ. ހާއްސަކޮށް ދަރިފުޅުގެ ފުރަތަމަ 5 އަހަރު އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންވާނެ އެވެ. އެއީ ކިތަންމެ ބުރަވިޔަސް ނުކޮށް ދޫކޮށްލަންޖެހޭ ވަރު ކަމެއް ނޫނެވެ. މި ޒަމާނުގައި ހުރިހާ ކުދިންނަށްވެސް އިނގިރޭސި ބަހުން ވާހަކަ ދައްކައި، ލިޔަން ކިޔަން އިނގެ އެވެ. އިނގިރޭސި ބަސް އުނގަންނައިދިނުމަށް ގޭގައިވެސް ދަރިފުޅު ލައިގެން ވަރަށް ބޮޑަށް މަސައްކަތް ކުރެވެ އެވެ. ނަމަވެސް، ސްކޫލުގެ ގުރުއާން ފޮތުގައި ހުންނަ މުގައްރަރު ގިނަ ކުދިންނަށް އަހަރު ނިމޭއިރުވެސް ކަވަރު ނުކުރެވެ އެވެ.
ކީރިތި ގުރުއާން ފަރިތަކަމާއެކު ކިޔޭނީ އެންމެ ކުޑައިރުން ފެށިގެން އެކަމަށް ދޭންޖެހޭ ސަމާލުކަން ދެވިގެންނެވެ. ކޮންމެ ބެލެނިވެރިޔަކުވެސް މަސައްކަތް ކުރަންވީ ތިމާގެ ދަރިފުޅަކީ ކީރިތި ގުރުއާން ކިޔަވާ ހިތްވާ އަދި ފަރިތަކަމާއެކު ގުރުއާން ކިޔަވަން އިނގޭ ކުއްޖަކަށް ހެދޭތޯ އެވެ. މިކަމަށް މަސައްކަތް ކުރާއިރު ތިމާވެސް ދަރިފުޅާއެކު އެ އިލްމު އުނގެނެން މަސައްކަތް ކުރާށެވެ. ތިމާގެ ލޯބިވާ ދަރިފުޅަށް އެންމެ ފުރަތަމަ އަލްހަމްދު ދަސްކޮށްދޭ ފަރާތަކީ ހުދު ތިމާ ކަމުގައި ވާށެވެ.

