ށ. ކަނޑިތީމަށް ކާޑާއި ގޭހުގެ ދަތިކަން ކުރިމަތިވެފައިވާތީ ށ. އަތޮޅު ކައުންސިލްގެ އިސްނެގުމާއެކު ކާޑާއި ގޭސް ހިފައިގެން މިއަދު މާލެއިން ބޯޓެއް ދަތުރު ފަށާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކަނޑިތީމަށް ކާޑާއި ގޭސް ހިފައިގެން ދަތުރުކުރި އުޅިއަށި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވަނީ އުޅިއަށި ބޯޓުގައި ހުރި މުދާތައް ސަލާމަތް ކުރުމުގައި ށ. އަތޮޅު ކައުންސިލާއި، ބިލެތްފަހި، ކަނޑިތީމް، ފޭދޫ އަދި ގޮއިދޫގެ ރައްޔިތުން ދައްކައިދީފައިވަނީ އެއްބައިވަންތަ ކަމުގެ ރިވެތި ނަމޫނާއެއް ކަމަށް ވިދާޅުވެ އެކަމަށް ތަޢުރީފު ކުރައްވާފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ ށ. އަތޮޅު ކައުންސިލްގެ އިސްނެގުމާއި އެހީތެރިކަމުގެ ދަށުން ކާޑާއި ގޭސް ހިފައިގެން މިއަދު މާލެއިން ދަތުރުފަށާނެ ކަމަށެވެ.
ޕީއެސްއެމާ ހަވާލާދީ ކަނޑިތީމު ކައުންސިލްގެ ރައީސް އަޙްމަދު އަހުސަން ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑިތީމަށް ކާޑާއި ގޭސް ނުގެންދެވޭތާ ގާތްގަނޑަކަށް ދެ ހަފުތާ ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިއްޔެ އަޑިއަށްދިޔަ އުޅިއަށި ބޯޓަކީ މުދާ ހިފައިގެން މިދިޔަ ދެ ހަފުތާ ތެރޭ އެރަށަށް ދަތުރު ކުރަމުންދިޔަ ފުރަތަމަ ބޯޓު ކަމަށެވެ.
އުޅިއަށި ބޯޓު އަޑިއަށްދާން މެދުވެރިވީ ރަށު ނެރަށް ވަންނަން އުޅުމުގެ ތެރޭގައި ނެރު އަރިމަތީގައި ޖެހުމުގެ ސަބަބުން ކަމަށް އަހުސަން ވިދާޅުވިއެވެ. ބޯޓު އަޑިއަށް ދާން ފެށުމުން އެ ބޯޓު ރަށުގެ ޖެޓީއަށް ކައިރި ކުރި ކަމަށާއި ބޯޓު އަޑިއަށް ދިޔައީ ޖެޓީ ކައިރީގައި އޮތްވާ ކަމަށާއި މިހާރު ބޯޓު ނަގާ މުދާތައް ރަށަށް ބޭލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ބޯޓުގައި ހުރި 70 އިންސައްތަ މުދާ ހަލާކުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަހުސަން ވިދާޅުވީ ށ އަތޮޅު ކައުންސިލްގެ އެހީގައި އެރަށަށް ކާޑާއި ގޭސް ހިފައިގެން ބޯޓެއް މިއަދު ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ބޯޓު އައުމުން ކާޑާއި ގޭހުގެ ދަތިކަމަށް ޖުމްލަ ހައްލެއް ލިިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

