މާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެކުލަވައިލާފައިވާ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ ނަން މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި މިއަދު އޮތީ ކްލެމެންސީ ބޯޑަށް މަޖިލީހުން މެންބަރަކު ކަނޑައެޅުން އެޖެންޑާ ކޮށްފައެވެ. އެ ބޯޑަށް މެންބަރުންގެ ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ ޝުޖާއުގެ ނަން ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުއްވުމަށް ތާއީ ދުކުރެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކްލެމެންސީ ބޯޑަށް އައްޔަނު ކުރަން އިތުރު މެންބަރެއްގެ ނަން ތަޅުމަށް މިއަދު ހުށަހަޅާފައެއް ނުވެއެވެ.
އެހެންވެ، މިއަދުގެ ވޯޓުގެ ވަގުތުގައި ޝުޖާއު ކްލެމެންސީ ބޯޑަށް އައްޔަނު ކުރުމާމެދު ވަނީ ވޯޓަށް އަހައިފައެވެ. މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ 75 މެންބަރުން ތިބިއިރު ޝުޖާއު އެ މަގާމަށް އައްޔަނު ކުރަން ވޯޓުގައި ބައިވެރިވެވަޑައިގެން 88 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.
މަޖިލީހުގެ މެމްބަރަކާއެކު ކްލެމެންސީ ބޯޑުގައި ތިބެނީ 11 މެންބަރުންނެވެ.
ނިމިދިޔަ 19 ވަނަ ދައުރުގައި ކްލެމެންސީ ބޯޑުގައި މަޖިލިސް ތަމުސީލުކުރެއްވީ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއުއެވެ.
ޝުޖާއު ވަނީ މީގެ ކުރިން ވެސް ބާރަށު ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. އެކަމަކު، މިދިޔަ 19 ވަނަ މަޖިލީސް އިންތިޚާބުން ނާކާމިޔާބު ވުމުން އޭނާ ވަނީ ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކޮށް ކާމިޔާބު ހޯދައިފައެވެ. މި ފަހަރު އަލުން މަޖިލީހަށް އިންތިޚާބުވުމާ ހަމައަށް އޭނާ ހުންނެވީ ކައުންސިލަރު ކަމުގައެވެ.
މި ފަހަރުގެ މަޖިލީސް އިންތިޚާބު ޝުޖާއު ކާމިޔާބުކުރެއްވީ އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓުގެ ގޮތުގައެވެ. ޕީއެންސީން ވަނީ އެ ޕާޓީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ޝުޖާއު އައްޔަނު ކުރަން ނިންމައިފައެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވަނީ ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ކަނޑައަޅަން ވެސް ފާސްކޮށްފައެވެ.

