ދައުލަތުގެ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމަށް ފަސް ދާއިރާ އަކުން އެވޯޑު ދޭން ނިންމައި އެވޯޑު ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ޕްރައިވަޓައިޒޭޝަން އެންޑް އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކޮށްފިއެވެ.
ޕީސީބީން އެވޯޑުދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:
* އެކްސެލެންސް އިން ގަވަރނަންސް
* އައުޓް ސްޓޭންޑިންގ ޕްރޮގްރެސް
* އައުޓްސްޓޭންޑިންގ ބޯޑް ޗެއަރމަން
* އައުޓްސްޓޭންޑިންގ މެނޭޖިންގ ޑިރެކްޓަރ
* އައުޓްސްޓޭންޑިންގ ކޮމްޕެނީ ސެކްރެޓަރީ
ޕީސީބީ އިން ހާމަކުރާ ގޮތުގައި މި ފަސް އެވޯޑު ދިނުމަށް ކަނޑައަޅާފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އަދި މި އެވޯޑުގެ ބޭނުމަކީ ދައުލަތުގެ ހުރިހާ ކުންފުނިތަކަކީ ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރާ ކުންފުނިތަކަކަށް ވުމަށް ބާރުއަޅައި، ހިތްވަރު ދިނުމާއި، ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސަށް އަމަލުކުރާ ކުންފުނިތަކާއި، ކުންފުނިތަކާ ގުޅުންހުރި ފަރާތްތަކުގެ އަގުވަޒަން ކުރުން ކަމަށް ވެސް ޕީސީބީން ހާމަކުރެއެވެ.
ޕީސީބީ އިން ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރެއިން އައުޓްސްޓޭންޑިންގް ބޯޑު ޗެއާމަން، އައުޓްސްޓޭންޑިންގް މެނޭޖިންގް ޑިރެކްޓަރ އަދި އައުޓްސްޓޭންޑިންގް ކޮމްޕެނީ ސެކްރެޓަރީ އެވޯޑު ދޭން ފެށުމަށް ހަމަޖެހިފައިވަނީ އުސޫލަށް އަމަލުކުރަން ފަށާތާ އަހަރު ދުވަސް ފަހުން ކަމަށާއި އަދި މިއެވޯޑު ތަކަށް ނޮމިނޭޓްވާނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން “ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޮރ ސްޓޭޓް އެންޑް އެންޓަރޕްރައިސަސް” އަށް ޢަމަލު ކުރަންޖެހޭ ސީއެމްޑީއޭގައި ލިސްޓްކޮށްފައި ނުވާ ދައުލަތް ހިއްސާވާ ކުންފުނިތައް ކަމަށް ޕީސީބީ އިން ބުނެއެވެ.
މީގެ އިތުރުން ޕީސީބީ އިން މައުލޫމާތު ދިން ގޮތުގައި ކުންފުނީގެ އަހަރީ ރިޕޯޓު އާންމުކޮށްފައިނުވާ، ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ނުވާ ކުންފުނިތަކުގެ އިތުރުން ޕީސީބީން އިސްލާހީ ފިޔަވަޅެއް އަޅާފައިވާ ފަރާތްތައް މި އެވޯޑުތަކަށް ނޮމިނޭޓު ނުކުރެވޭނެ އެވެ.
ޕީސީބީ އިން ދޭ މި ފަސް އެވޯޑު ދޭނެ ފަރާތްތައް ކަނޑައެޅުމުގެ ކަންކަން ކުރުމަށް ހަމަޖެހިފައިވަނީ ކޯޕަރޭޓް ގަވަނަންސް އެވޯޑު ކޮމެޓީ އިންނެވެ.

