އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށާ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، ގުޅޭގޮތުން ތަމްރީން ޕްރޮގްރާމެއް އާއިލާ މިނިސްޓްރީން ކުރިއަށް ގެންގޮސްފިއެވެ.
އާއިލީ ތަރައްގީއާ ބެހޭ ވުޒާރައިން މިޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ މ އއަތޮޅުގައެވެ.
އާއިލީ ތަރައްގީއާ ބެހޭ ވުޒާރައިން ބުނީ މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްކުރާ އިޖްތިމާޢީ ބަދަހި މަދަދުވެރިންގެ ތަމްރީން ކުރުމުގެ ޕްރޮގުރާމެއް ކަމަށެވެ.

އާއިލާ ތަރައްގީއާއި ބެހޭ ވުޒާރާ އިން މ އަތޮޅުގައި ބޭއްވި ތަމްރީން ޕޮރޮގުރާމް ؛ ފޮޓޯ/އާއިލާ ތަރައްގީއާއި ބެހޭ ވުޒާރާ
މ. އަތޮޅުގެ ހަ ރަށަކުން ޖުމްލަ 34 މީހުން މި ޕްރޮގުރާމްގައި ވަނީ ބައިވެރިވެފައިވެއެވެ. ޔުނިސެފްގެ އެހީގައި އެ މިވުޒާރާއިން ކުރިއަށްގެންދިޔަ އެ ތަމްރީން ޕްރޮގްރާމްގައި އިބަމަ ގްރޫޕްތައް ރަށްރަށުގައި ޤާއިމުކުރުމުގެ ބޭނުމާއި، އިބަމައިގައި ހިމެނޭ މެންބަރުންގެ ޒިންމާތަކާއި، އަދާކުރަންޖެހޭ ދައުރާއި، އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިބަމައިގައި ހިމެނޭ މެންބަރުން ސަމާލުވާންވީ ކަންކަމާއި އަދި އިބަމައިގެ މުހިންމު މަފްހޫމްތަކާ ގުޅޭފޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައި ވެއެވެ.

އެ ޕްރޮގުރާމްގައި އިތުރަށް ކިޔާދީފައިވަނީ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެފަރާތްތަކުގެ ޙާލަތު ރަގަޅު ކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އަދި މީގެ އިތުރުން މިމަސައްކަތްތައް ކުރުމަށް އިބަމަ މެމްބަރުންނަށް ބޭނުންވާނޭ ތަފާތު އެކި ހުނަރުތައް ތަރައްޤީ ކުރުމަށްވެސް މި ތަމްރީން ޕްރޮގްރާމްގައި މަސައްކަތްކޮށްފައި ވެއެވެ.
މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެފަރާތްތަކުގެ ޙާލަތު ވަޒަންކުރާނެ ގޮތާއި، ޙާލަތު ރަގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތުވެސް ބައިވެރިންނަށް ފޯރުކޮށްދީފައި ވެއެވެ.

