މެކްސިކޯގެ ފުރަތަމަ އަންހެން ރައީސަކަށް ކްލައުޑިއާ ޝެއިންބައުމް އިންތިހާބުކޮށްފި އެވެ. މެކްސިކޯގެ ރަސްމީ އިލެކްޓޯރަލް އޮތޯރިޓީން ބުނީ އާދީއްތަ ދުވަހު ބޭއްވި އިންތިހާބު މެކްސިކޯ ސިޓީގެ ކުރީގެ މޭޔަރު 61 އަހަރުގެ ކްލައުޑިއާ ޝެއިންބައުމް، ކާމިޔާބު ކޮށްފައިވަނީ 58 އިންސައްތައާއި 60 އިންސައްތައާ ދެމެދުގެ އަދަދެއްގެ ވޯޓުން ކަމަށް އިބްތިދާއީ ނަތީޖާއިން ދައްކާ ކަމަށެވެ.
އޭނާ މި އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އޭނާއާ އެކު ވާދަކުރި ވިޔަފާރިވެރިޔާ ޒޮޗިޓްލް ގަލްވޭޒްއަށް ވުރެ ގާތްގަނޑަކަށް 30 ޕަސެންޓްގެ ތަފާތަކުންނެވެ. ކުރީގެ ރައީސް އަންދްރޭސް މެނުއަލް ލޮޕޭޒް އޮބްރާޑޯގެ ދައުރު ނިމި ޝެއިންބައުމް ވެރިކަމާއި ހަވާލުވާނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
ހަކަތަައާއި ބެހޭގޮތުން ދިރާސާކުރާ ސައިންޓިސްޓެއް ކަމަށްވާ ޝެއިންބައުމް ވަނީ ކުރީގެ ރައީސް ލޯޕޭޒް އޮބްރަޑޯ މަސައްކަތްތައް ކުރިއަށް ގެންގޮސް، އިތުރު ކުރިއެތުންތައް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. މި ތަގުރީރުގައި އޭނާ ވަނީ މެކްސިކޯގެ މި އިންތިހާބަކީ ކުރީގެ އިންތިހާބުތަކާއި ތަފާތު އިންތިހާބެއް ކަމަށް ބުނެފައެވެ.
"މެކްސިކޯ ރިޕަބްލިކްގެ 200 އަހަރުގެ ތެރޭގައި އަހަންނަކީ މެކްސިކޯގެ ފުރަތަމަ އަންހެން ރައީސް" އޭނާ ބުނެފައި ވެއެވެ.
އަދި މިއީ ގައުމުގެ ހުރިހާ އަންހެނުންނަށްވެސް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
މީގެ އިތުރުން ޝެއިންބައުމް ވަނީ އޭނާއާއި އެކު އިންތިހާބުގައި ވާދަކުރި ޒޮޗިޓްލް ގަލްވޭޒް އަށް ޝުކުރު އަދާކޮށްފަ އެވެ. ރައީސް ކަމަށް ވާދަކުރުމުގެ ކުރިން ޝެއިންބައުމް ކުރިން އަދާކުރީ މެކްސިކޯ ސިޓީގެ މޭޔަރުގެ މަގާމެވެ. ޝެއިންބައުމްގެ މަންމަ ފަރާތު މާމަ އާއި ކާފަ އަކީ ނާޒީންނަށް ފިލައިގެން ބުލްގޭރިއާއިން މެކްސިކޯއަށް ހިޖުރަކުރި މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އޭނާގެ ބައްޕަ ފަރާތު މާމަ އާއި ކާފައަކީ ލިތުއޭނިއާއަށް ނިސްބަތްވާ މީހުންނެވެ.
އޭނާ ވަނީ ސިޔާސީ މައިދާނަށް ނުކުތުމުގެ ކުރިން ސައިންޓިސްޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވެއެވެ. އޭނާގެ މައިންބަފައިންނަކީ ވެސް ސައިންސްވެރިންނެވެ. ހަކަތަައާއި ބެހޭ އިންޖިނިއަރިންގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީއެއް އޭނާ ހާސިލުކޮށްފައިވެއެވެ.
އޭނާއަކީ ކެލިފޯނިއާގެ މަޝްހޫރު ރިސާޗް ލެބެއްގައި މެކްސިކޯގެ ހަކަތަ ބޭނުންކުރުމުގެ ވައްޓަފާޅިއައި ބެހޭގޮތުން ދިރާސާކުރުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މާހިރެކަސް އޭނާ ވިއެވެ. އެ ތަޖުރިބާގެ ސަބަބުން އެނާއަށް މެކްސިކޯ ސިޓީގެ ސެކްރެޓަރީ އޮފް ދަ އެންވަޔަރަންމަންޓްގެ މަގާމު ލިބުނީ އަންދްރޭސް މެނުއަލް ލޮޕޭޒް އޮބްރަޑޯ މެކްސިކޯ ސިޓީގެ މޭޔަރުކަމުގައި ހުރި ދުވަސްވަރު އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު މެކްސިކޯ ސިޓީގެ ފުރަތަމަ އަންހެން މޭޔަރަކަށް އޭނާވިއެވެ.
މިސް ގަލްވޭޒްއާ ދެކޮޅަށް ޝެއިންބައުމް ވާދަކުރި މި އިންތިހާބަކީ މެކްސިކޯގެ އަންހެނުންނަށް އައި އުފާވެރި ބަދަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ. އެ ގައުމުގެ ރައްޔިތެއް ކަމުގައިވާ އުމުރުން 87 އަހަރުގެ އެޑެލްމީރާ މޮންޓިއެލް ބުނީ ވެރިކަމަށް އަންހެނަކު ހޮވުނުތަން ފެނުމާއި ހަމައަށް ދިރިހުރެވުމުން ޝުކުރުވެރިވާ ކަމަށެވެ. އިންތިހާބުތަކުގައި އަންހެނުންނަށް ވޯޓުލުމުގެ ފުރުސަތު ލިބުނީ 1953 ވަނަ އަހަރުން ފެށިގެން ކަމަށް ރޮއިޓާސް ނިއުސް އެޖެންސީއަށް އޭނާ މައުލޫމާތު ދީފައި ވެއެވެ.
މި އިންތިހާބުގައި ރައީސްކަމުގެ އިތުރުން މެކްސިކޯގެ ކޮންގްރެސްގެ މެމްބަރުންނާއި އަށް ސްޓޭޓެއްގެ ގަވަރުނަރުންނާއި މެކްސިކޯ ސިޓީގެ ސަރުކާރުގެ އިސްވެރިން ވަނީ އިންތިހާބު ކޮށްފައެވެ. އިންތިހާބުގެ ސަބަބުން ހިނގި ހަމަނުޖެހުން ހިނގައި މެކްސިކޯގެ 20 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ސާވޭތަކުން ދައްކާ ގޮތުގައި އެ އަދަދު 37 އަށް އަރަ އެވެ. މެކްސިކޯގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޝެއިންބައުމް އާއި އެކު ރިޔާސީ ރޭހުގައި ވާދަކުރި ގަލްވޭޒް ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ.
އިންތިޚާބުވެއްޖެނަމަ މި ފަދަ ކަންކަމާއި ކުރިމަތިލާން ހިތްވަރާއި އެކު ނުކުންނާނެ ކަމަށް ޝެއިންބައުމް ވައުދުވެފައިވީ ނަމަވެސް ގިނަ ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބި ބާރުގަދަ ކުށްކުރާ ގޭންްގްތަކާއި ކާޓެލްތަކާ ކުރިމަތިލާނެ ގޮތުގެ ތަފްސީލެއް ދީފައި ނުވާ ކަމަށް ގަލްވޭޒް ބުނެފައި ވެއެވެ.
"އެދެނީ މެކްސިކޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުން." ގަލްވޭޒް އިތުރަށް ބުނެފައި ވެއެވެ.
ޝެއިންބައުމް ވެރިކަމާއި ހަވާލުވުމުގެ ކުރިންވެސް މެކްސިކޯގެ ކާޓެލްތައް ހުއްޓުވުމަކީ ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ. ޝެއިންބައުމް ބުނިގޮތުގައި މައްސަލަތަކުގެ އަސްލު ހޯދައި އެކަން ހައްލުކުރުން މުހިންމު ކަމަށާއި ހާއްސަ ކޮށް ފަގީރު ހިސާބުތަކުގައި ދިރިއުޅޭ ޒުވާނުން ކުށުގެ ވެށިން ރައްކާތެރިކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
މެކްސިކޯގެ އަވަށްޓެރި އެމެރިކާއާ އެކު އޮންނަ ގުޅުމާ ބެހޭ ގޮތުން އޭނާ ބުނީ އެކުވެރިކަމާއި އިހުތިރާމާއި ހަމަހަމަކަމުގެ ގުޅުމެއް ދަމަހައްޓާނެ ކަމަށެވެ.
އަދި އެމެރިކާގައި ދިރިއުޅޭ މެކްސިކޯގެ ގިނަ ގިނަ އަދަދެއްގެ ރައްޔިތުންގެ ދިފާއުގައި އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވައުދުވެފައި ވެއެވެ.
އެމެރިކާ އާއި މެކްސިކޯއާ ދެމެދު އޮތް ގުޅުން ހީނަރުވީ 2018 ވަނަ އަހަރު ވެރިކަމުގައި ހުންނެވި ލޮޕޭޒް އޮބްރަޑޯގެ ވެރިކަމުގެ ދުވަސްވަރުއެވެ.
މެކްސިކޯގެ ދެ ވަނަ ދައުރަކަށް ވާދަނުކުރެވޭ ގޮތަށް ހަމަޖެއްސާފައި ވާއިރު، ގާނޫނު އަސާސީގައި ވާގޮތުގައި ވެރިކަމުގައި ހުރެވެނީ ހަ އަހަރުގެ ދައުރަކަށެވެ.
އެގޮތުން ލޮޕޭޒް އޮބްރަޑޯއަށް ދެވަނަ ދައުރަކަށް ކުރިމަތި ލެވެން ނެތުމުން އޭނާ އެރީ ޝެއިންބައުމްގެ ކޮޅަށެވެ. 60 އިންސައްތައާ ގާތްކުރާ އަދަދަކަށް އެޕްރޫވަލް ރޭޓް އޮންނަ ރައީސްގެ ތާއީދު ލިބުމުން ޝެއިންބައުމްގެ ކެމްޕޭނަށް ބޮޑު ކުރިއެރުމެއް ލިބުނެވެ.
ފަގީރުކަން ނައްތާލުމަށް ހިންގާ ޕްރޮގްރާމު ތަކަށް ތާއީދުކުރާ ކަމަށާއި އެކަން ކުރިއަށް ގެންދާތަން ދެކެން ބޭނުންވާ ކަމަށް ޝެއިންބައުމްއަށް ވޯޓު ދިން ގިނަ ބަޔަކު ބުނެފައި ވެއެވެ.

