ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ހުއްދަ ދޫކުރުމާއި ގުޅޭ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ފަށައިފިއެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ހުއްދަ ދޫކުރުމާއި ގުޅޭ ނިޒާމުގެ ހުރި މައްސަލަތައް ބަލަންފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ގެނައުމާއިގުޅޭ އުޞޫލުތައް މިހާރު މުރަޖަޢާކުރުމުންދާ ކަމަށާއި، އަދި މިހާރު ޢަމަލުކުރަމުންދާ ނިޡާމްގައި ހުރި މައްސަލަތައް ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
“ރައްޔިތުންނާއި ގާތުން ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތްވަނީ ފަށާފަ. ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޖަވާބުދާރީ ކުރެވޭނޭ ހަރުދަނާ ނިޡާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފަ. ” މިނިސްޓްރީން ވަނީ ބުނެފައެވެ.
މިގޮތުން މިހާރު ފަށައިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމަށް އެދޭ ހުއްދަތައް ލިބުމުގައި ލަސްތަކެއް ހުރެދާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައެވެ. އެގޮތުން ބިދޭސީން ރާއްޖެ އެތެރެވުމަށް ދޫކުރެވޭ ކޯޓާ، ވަރކް ޕަރމިޓް، ޑިޕޮޒިޓް ރީފަންޑް އަދި މި ނޫންވެސް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ގޮތެއްގައި ޚިދުމަތް ދެވޭ މުއްދަތަށްވުރެ ލަސްވުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.
ހާއްސަ ކޮށް މި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން މިނިސްޓްރީއަށް އެދިފައިވާ ޚިދުމަތްތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތް ކުރަމުންދާ ވެސް ހޯމްލޭންޑް މިނިސްތްރީން ވަނީ ބުނެފައި ވެއެވެ.

