ޙައްޖުމަސް ގާތްވެއްޖެއެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް ﷲ ގެ އިޒުނަފުޅާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާގެ މާތް ބިމަށް ދަތުރު ފަށާނޭ ދުވަސް ދާދި ގާތްވެއްޖެއެވެ. ޙައްޖަށް ދިޔުމުގެ ތައުފީޤު މިންވަރުކުރެއްވި ފަރާތްތަކާއި އަދި މި އަހަރު އެ ފުރުޞަތު ނުލިބުނު ފަރާތްތަކުން ވެސް ޙައްޖުގެ އަޅުކަން މުހިންމު އަޅުކަމަކަށްވަނީ ކީއްވެތޯ ވިސްނާލަންވާނެއެވެ.
ޙައްޖަކީ އެ ކަމަށް ކުޅަދާނަކަން ލިބިގެންވާ މީހާ އަދާކުރުމަށް މާތް ﷲ އަމުރުކުރައްވައިފައި ވާ މަތިވެރި އަޅުކަމެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައި ވެއެވެ. ﴿وَ لِلّٰهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا وَمَن كَفَرَ فَإِنَّ اللّٰهَ غَنِيٌّ عَنِ الْعَالَمِينَ﴾ (آل عمران: ٩٧) މާނައީ: [އަދި ގެފުޅަށް ގޮސް ޙައްޖު ވުމަކީ، ﷲ އަށް ޓަކައި (ކުރަން ޖެހޭ) މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެއީ އެ ކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެ މީހަކަށެވެ. އަދި (ﷲ ފަރުޟު ކުރެއްވި އެ ކަމާ މެދު ދެކޮޅުހަދައި) ކާފިރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން ﷲ އީ އެންމެހައި ޢާލަމްތަކުން ފުދިވޮޑިގެންވާ އިލާހެވެ.]
ހަމައެހެންމެ، ޙައްޖަކީ ނަމާދާއި ރޯދަފަދައިން އިސްލާމްދީނުގެ ރުކުނެކެވެ. މި ކަން ބަޔާންކުރައްވައި ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އިސްލާމްދީން ބިނާވެގެން ވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ﷲ ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވާކަމަށް ހެކިވުމާއި، ނަމާދު ގާއިމު ކުރުމާއި، (މުދަލު) ޒަކާތް ދިނުމާއި، ގެފުޅަށް ގޮސް ޙައްޖުވުމާއި، ރަމަޟާން މަހުގެ ރޯދަ ހިފުމެވެ.“ (އަލްބުޚާރީ) އެހެންކަމުން، އެ ކަމަށް ޞިއްޙީގޮތުންނާއި މުދަލުގެގޮތުން ކުޅަދާނަ ކޮންމެ މީހެއް، އޭނާގެ ޙަޔާތުގައި އެއް ފަހަރު މި އަޅުކަން އަދާކުރަންޖެހޭނެއެވެ.
ޙައްޖުގެ އަޅުކަން ގުޅެނީ އިބްރާހީމްގެފާނުގެ މަތިވެރި ގުރުބާނީތަކަށެވެ. އެ ގޮތުން އެކަލޭގެފާނުގެ ލޮބުވެތި ދަރިފުޅު އިސްމާޢީލްގެފާނު ގުރުބާންކުރުމަށް އެންގެވުނު އެންގެވުމަށް ވެސް ތަބާވެވަޑައިގަތެވެ. އަދި އެއިލާހުގެ ރުހިވޮޑިގަތުން ލިބި، އެކަލޭގެފާނުގެ ކިޔަމަންތެރިކަމާ މި ޙައްޖުގެ އަޅުކަންގުޅުވައި އަޅުގަނޑުމެންނަށް ޙައްޖު ފަރުޟުކުރެއްވިއެވެ. ޙައްޖުގެ އަޅުކަން އަދާކުރެވޭ ކޮންމެ ފަހަރަކީ އެކަލޭގެފާނުގެ ޒިކުރާ އާކުރެވޭ ފަހަރެކެވެ.
ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އެއް އުމްރާއަށް ފަހު އަނެއް އުމްރާއަކީ އެ ދެމެދުގައި (ހިނގައިދިޔަ ފާފަތަކަށް) އޮތް ކައްފާރާއެކެވެ. އަދި މަބްރޫރު ޙައްޖަކަށް ސުވަރުގެ ނޫން ޖަޒާއެއް ނުވެއެވެ.“ (متفق عليه) އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. [މީހަކު ޙައްޖުވެ، (އެކަމުގެ ތެރޭގައި) ފާޙިޝް ޢަމަލެއް، ނުވަތަ ވިޔާނުދާ ކަމެއް ނުކޮށް، ޙައްޖުގެ އަޅުކަން ފުރިހަމަކޮށްފި މީހާ އެނބުރި އަންނާނީ، އޭނާގެ މައިމީހާ އޭނާ ވިހޭ ދުވަހެކޭ އެއްފަދައިން (ފާފަތަކުން ޠާހިރުވެގެން) ވާ ޙާލުގައެވެ.] (متفق عليه) މި އަޅުކަން އަދާކުރާ މީހާއަށް އޭނާގެ އިސްވެދިޔަ އެންމެހާ ފާފަތައް ފުހެވުމުގެ ފުރުޞަތު ﷲ ގެ ރަޙްމަތުން ލިބެއެވެ. އަދި އެއިލާހާ ކުށްތަންވެ އީމާންތެރިކަން އިތުރުކުރުމުގެ މަގު ތަނަވެސްވެގެން އާދެއެވެ.
ހަމައެހެންމެ ޙައްޖުގެ މަތިވެރި އަޅުކަމަކީ ޤިޔާމަތްދުވަސް ހަނދުމަކޮށްދޭ އަޅުކަމެކެވެ. ވަކި ޤައުމެއް ނަސްލެއް ފަރަޤުކުރުމެއް ނެތި މުސްލިމު އުންމަތް އެއްބައިވަންތަކުރުވާ އިޙުސާސެއް މަތިވެރި މި އަޅުކަމުން ކުރެވެއެވެ. އަޅުގަނޑުގެ ދުޢާއަކީ މި އަހަރުގެ ޙައްޖުވެރީންނަށް މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުމެވެ.
މައުލޫމާތު: مُحَمَّد سَمُوْح سَعِيْد / ދީނުގެމަގު

