ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙުކުރައްވައިފިއެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.
މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު އިންދަވާފައިވަނީ ކާބޮލި އަރޮޅި ގަހެކެވެ. މި ގަހަކީ 35 މީޓަރު ދިގުމިނަށް ހެދޭ، ދިވެހި ބޭސްފަރުވާއަށް ބޭނުންކޮށް އުޅޭ ގަހެކެވެ. މިއީ މިހާރު ރާއްޖެއިން ވަރަށް މަދުން ފެންނަ ބާވަތެއްގެ ގަހެކެވެ.
ގަސް އިންދުމުގެ ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންވެސް ވަނީ ގަސް އިންދަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ދެ ކަނބަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމްވެސް ވަނީ ގަސް އިންދަވާފައެވެ.
ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ “ކޮޕް28″ގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވާފައި މިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.

