އިންޑިއާގެ ޢާންމު އިންތިޚާބު 2024 ގައި ބާރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެން.ޑީ.އޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު ކަމުގެ ތިން ވަނަ ދައުރެއް ކަށަަވަރު ކުރެއްވުމުން، މޯދީއަށާއި ބީޖޭޕީ އަދި ބީޖޭޕީ އިން ލީޑުކުރާ އެންޑީއޭ ކޯލިޝަނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަދި، ކުރިއަށް އޮތް ދުވަސްތަކުގައި މޯދީއާއެކު މަސައްކަތް ކުރެއްވުމުގެ އުންމީދު އެބައޮތް ކަމަށް، އެ ޕޯސްޓްގައި ރައީސް ވިދާޅުވި އެެވެ. ދެގައުމުގެ ހަމަޖެހުމާއި ތަރައްގީއާއި ހަމަޖެހުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ރައީސްގެ އިތުރުން އެމަނިކުފާނުގެ ނާއިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފުވެސް ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީން ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ މޯދީގެ ލީޑަޝިޕްގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ނިމިދިޔަ ދައުރުގައި ބީޖޭޕީއިން އިންޑިއާގެ ޕާލަމެންޓްގެ ތިރީގެ ލޮކްޝަބާގެ ސާފު މެޖޯރިޓީ ދެމެހެއްޓި ނަމަވެސް، މިފަހަރުގެ އިންތިހާބުގައި އެ މެޖޯރިޓީ ގެއްލޭނެ ކަމަށް ބެލެވެ އެވެ.
ޕާޓީއަކަށް މެޖޯރިޓީ ލިބޭނީ ލޮކްޝަބާގެ 543 ގޮނޑީގެ ތެރެއިން 272 ގޮނޑި ކާމިޔާބުކޮށްގެންނެވެ. ނަތީޖާ ދައްކާ ގޮތުން މިފަހަރުގެ އިންތިހާބުގައި ބީޖޭޕީއަށް ލިބޭނީ 240 ގޮނޑި އެވެ.
ބީޖޭޕީގެ އިތުރުން ދެން އެ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކާ އެކު އެންޑީއޭއިން ލޮކްޝަބާގެ 292 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.
ސާފު މެޖޯރިޓީ ގެއްލުނު ނަމަވެސް، މޯދީ ވަނީ ބީޖޭޕީގެ މައި ހަރުގެއަށް ވަޑައިގެން ޕާޓީގެ އިސްވެރިންނާއެކު އިންތިހާބުގެ ކާމިޔާބީ އިއުލާނު ކުރައްވާފަ އެވެ. އެގޮތުން ކާމިޔާބީގެ ހިތާބުގައި މޯދީ ވަނީ އިންޑިއާގެ ރައްޔިތުންގެ އިތުބާރު އޭނާގެ ޕާޓީއަށް އެބައޮތް ކަމަށާއި މިއަދުގެ ނަތީޖާއަކީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށް ވިދާޅުވެފަ އެވެ.
މިއީ 1962 ގެ ފަހުން އިންޑިއާގައި ސަރުކާރަކުން ތިންވަނަ ދައުރެއް ކާމިޔާބުކުރި ފުރަތަމަ ފަހަރަކަންވެސް ފާހަގަކުރައްވައި މޯދީ ވަނީ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.

