ފަލަސްތީނުގެ ހައްގުގަ އެއްބައިވަންތަކަމުގެ ސައިކަލް ބުރެއް ބާއްވަން ނިންމައިފިއެވެ.
މި ބުރު ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. މިއީ އިސްރާ އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށްދާ ހަރަކާތެކެވެ. މިރެލީ ފަށަން ނިންމާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުން ކަމަށް އިސްރާ އިން ވަނީ ބުނެފައެވެ.
މި ރެލީ ކުރިއަށްދާނީ ހުކުރުދުވަހުގެ ހަވިރު 4:00 ގައި ކަމަށާއި، މި ރެލީގައި ވީހާވެސް ގިނަބަޔަކު އެއްވުމަށް އެ ޖަމިއްޔާއިންވަނީ އެދިފައެވެ. އިސްރާއިން ވަނީ ފާއިތުވި ހަފްތާގެ ހުކުރުދުވަހުވެސް މިފަދަ އެއްވުމެއް ބާއްވާފައެވެ.
އެއީ “ރަފަހް އަނދަނީ” ނަމުގައި ކުރިއަށްގެދިޔަ ހަރަކާތެކެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އަނިޔާ ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ދަނީ އަޑު އުފުލަމުންނެވެ. މި ގޮތަށް މިފަދަ ރެލީތަކާއި އެއްބައިވަންތަކަމުގެ އެއްވުންތައް ބާއްވަމުން ދެއެވެ.
ރާއްޖެއިން އިޒްރޭލާ ބަދަހިވެފައިވާ ގުޅުން ކަނޑާލަން ސަރުކާރުން ވަނީ ނިންމާފައެވެ. އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވެވެން އޮންނަ އޮތުން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް އޮފީހުންވަނީ އިއުލާންވެސް ކޮށްފައެވެ.
އެގޮތުން އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން ހުއްޓުވަން ސަރުކާރުން މަސައްކަތް ފަށާފައިވަނީ އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވިޔަދިނުމަކީ ރައްޔިތުން އެދޭ ކަމަކަށްނުވާތީއެވެ.

