ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނާއި ގާތަށް ގޮސް އަހަރު ދެބައިވީ އިރު ސަރުކާރުގެ އަމާޒަށް ވާސިލް ވެވޭނެ އުއްމީދު އާވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 903،775 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ 10 ޕަސެންޓް އިތުރުވުމެކެވެ. މި މުއްދަތުގައި މިދިޔަ އަހަތު ޒިޔާރަތްކޮށްފައިވަނީ 821،248 ފަތުރުވެރިންނެވެ.
މި މަހުގެ ފުރަތަމަ ތިން ދުވަހު ރާއްޖެއަށް 11،530 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 12،005 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާ އެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 102،075 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.
ދެވަނަ އަށް 91،618 ފަތުރުވެރިންނާއި އެކީ ރަޝިއާ އޮތްއިރު، ތިން ވަނައަށް އޮތީ އިނގިރޭސިވިލާތެވެ. އެ ގައުމުން 85،840 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

