ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ 112 ވަނަ އިންޓަނޭޝަނަލް ލޭބަރ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން، ދެއްވި ހިތާބުގައެވެ.
ސުވިޓްޒަލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަ މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖެއިން އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައި.އެލް.އޯގައި ބައިވެރިވެ، މަސައްކަތުގެ މައިދާނުގައި މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި، ރާއްޖޭގެ ހުރިހާ ރަށްތަކުގައި މަސައްކަތްތެރިކަން ކުރިއެރުވުމުގެ މަޤުސަދުގައި ފާއިތުވި އަހަރުތަކުގައި ރާއްޖެއިން ޤާނޫނު އަސާސީއާއި މުއައްސަސާތަކަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ޑރ. މާރިޔާ ވިދާޅުވީ، ވަޒީފާގެ ބާޒާރުގައި އެންމެންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިންނާއި ގުޅިގެން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން އެތައް މަސައްކަތެއް ކުރައްވާފައިވާ އަދި ކުރައްވަމުން އަންނަ ކަމަށެވެ. އަދި އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތްތެރިކަން ރައްކާތެރި ކުރުމަށާއި އިޖްތިމާއީ އިންސާފުވެރިކަން ދެމެހެއްޓުމަށް ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރައްވައި، ހަމަހަމަ މުޖުތަމައެއް ޤާއިމު ކުރުމަށް ދެއްވާ އެއްބާރުލެއްވުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިންޓަނޭޝަނަލް ލޭބަރ ކޮންފަރެންސަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ މަންދޫބުން ބައްދަލުވެ، އައި.އެލް.އޯގެ އެކި އުސޫލުތަކާމެދު މަޝްވަރާކޮށް އިޖުތިމާއީ ގޮތުންނާއި މަސައްކަތުގެ މާހައުލުގެ މުހިންމު ސުވާލުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސްއެކެވެ.

