އެއްވެސް މީހަކާމެދު ތަފާތު ކުރުމެއް ގެންގުޅެން ސަރުކާރުން ފުލުހުންނަށް ނާންގަވާނެ ކަމަށާއި، ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒު ކުރުމުގެ އިހްތިޔާރާއި ބާރު ފުލުހުންނަށް އޮންނާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
2024 އިން 2028 އަށް ދިވެހި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ވަޒީރު އަލީ އިހްސާނެވެ.
މި ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އިހްސާން ވިދާޅުވީ، އަދުގެ ސަރުކާރުން އެއްވެސް ފުލުހެއްގެ މައްޗަށް ވަކި މީހަކާއި ދޭތެރޭ ވަކި ގޮތަކަށް އަމަލު ކުރުމަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އަދި ތަފާތު ނުކޮށް ގާނޫނު ތަންފީޒު ކުރުމުގެ ފުރިހަމަ އިހްތިޔާރު ފުލުހުންނަށް އޮންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ޤާނޫނާއި ފުށު އަރާ ހިނދުގައި އޭނާއަކީ ދައުލަތުގެ ވަޒީރެއްތޯ.. މަޖިލީހުގެ މެމްބަރެއްތޯ.. އޭނާ އަކީ މިވެނި ހައިސިއްޔަތެއްގެ މީހެއްތޯ.. މިއެއް ބެލުމެއް ނޯންނާނެ. އަދުގެ ސަރުކާރުން ތިބޭފުޅުންގެ މައްޗަށް އެއްވެސް މީހަކު ނުފޫޒެއް ނުފޯރުވާނެ މިވެނި މީހަކާއި ދޭތެރޭ މިވެނި ގޮތަކަށް އަމަލުކުރާކަށް” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ފުލުހުންނަކީ ޒިންމާދާރު، އަދި ޒިންމާ ނަގާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ވެރިންގެ ގޮތުގައި ތިބޭ ބޭފުޅުން ޒިންމާތަކުން އެކަހެރިވެ، އޭގެ ދަށަށް ތިބޭ މުވައްޒަފުން ކަންކަމަށް ޖަވާބުދާރީ ކުރުވުމުގެ ސަގާފަތް ބަދަލުކުރަންޖެހޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި ސަރުކާރުން އެއްވެސް ވަރަކަށް ކުށް ކުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުށްކުރުން ހުއްޓުވުމުގެ ނިޔަތް އޮވެގެން، އެ އަމާޒަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ސިކުނޑިން ގަބޫލުކުރަން އެބަޖެހޭ 2 ބިލިއަން ރުފިޔާ އަހަރަކު ހަރަދުކޮށްގެން އަޅުގަނޑުމެން ޔުނިފޯމް މުވައްސަސާއެއް ތަރުތީބުކޮށްފައި އެބަޔަކަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނީމަ އެ އޮބްޖެކްޓިވް ހާސިލް ވާނެކަން. ކުރީގައި އެކަންކަން ނުކުރެވި އޮވެދާނެ ޕޮލިޓިކަލް ވިލް ނެތީމަ. އަޅުގަނޑު ޔަޤީންކަން މިއަރުވަނީ ތިބޭފުޅުންނަށް އަދުގެ ސަރުކާރުގައި ޕޮލިޓިކަލް ވިލް އެބައޮތްކަން” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހި ފުލުހުންގެ މުވައްސަސާއަށް އަހަރެއްގެ މައްޗަށް 2 ބިލިއަން ރުފިޔާ ހަރަދުކުރާއިރު މިއީ ދައުލަތުގެ ބަޖެޓުގެ %4 ކަމަށެވެ. އެހެންކަމުން ފުލުހުންގެ ޕްލޭންތައް އަވަހަށް ތަންފީޒުކޮށް ނަތީޖާ ނެރުމަށް ހާއްސަ އިސްކަމެއްދޭން ޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ދައުލަތައް ލިބޭ ކޮންމެ 100 ރުފިޔާއަކުން 4 ރުފިޔާ ދިވެހި ރައްޔިތުން މެއިންޑޭޓް މިކުރަނީ ފުލުހުންގެ މުވައްސަސާއަށް ހަރަދު ކުރުމަށް. އެހެންވީމަ މިވަރުގެ އެކްސްޕެންޑީޗަރއެއް ދައުލަތުން ނަގާއިރުގައި ދައުލަތުގެ އިންނާނެ އެކްސްޕެކްޓޭޝަންއެއް. ރައްޔިތުންގެ އޮންނާނެ ވަރަށް ބޮޑު އެކްސްޕެކްޓޭޝަންއެއް. އެ އެކްސްޕެކްޓޭޝަންއަކީ ނަތީޖާ ނެރެދިނުން” ވަޒީރު ވިދާޅުވިއެވެ.
ކުރިއަށްއޮތް 4 އަހަރަށް ތައާރަފްކުރި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް ކުށް މަދުކޮށް ރައްކާތެރި މުޖުތަމައުއެއް ޤާއިމު ކުރުމަށް ވަނީ ހިމަނާފައެވެ.

