32 ބައިވެރިންނާއެކު އިސްރަށްވެހިން ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކޮށްފިއެވެ.
މިކަން ކޮށްފައިވަނީ މާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތެއްގެ ގޮތުގައި ކަމަށް އާއިލާ ތަރައްގީއާއ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މިޒިޔާރަތުގައި 32 ފަރާތަކުން ބައިވެރިވެފައިވެއެވެ. މިއީ އެފަރާތްތަކަށް މުޅިން އައު މާޙައުލެއްގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ލިބުނު ފުރުޞަތެއް ކަމަށްވެސް އާއިލާ ތަރައްގީއާއ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އިސްރަށްވެހިން ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކުރުން: ފޮޓޯ އާއިލާ ތަރައްގީއާ ބެހޭ ވުޒާރާ
އެމް. އެން. ޑީ. އެފްގެ މާލެ އޭރިއާ ކޮމާންޑާއި އެމް. އެން. ޑީ. އެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީއާ ގުޅިގެން ކުރިއަށް ގެންދެވުނު މިހަރަކާތަކީ މީގެކުރިން އިސްރަށްވެހިންނާއެކު ކުރިއަށްގެންދެވިފައިވާ ހަރަކާތްތަކާ ވަރަށް ތަފާތު ހަރަކާތެއް ކަމަށާއި، މިޒިޔާރަތުގައި އިސްރަށްވެހިންނަށް ކޯސްޓްގާޑުގެ ތާރީޚާއި ކޯސްޓްގާޑް ޝިޕް ހުރަވީއާގުޅޭ މުހިންމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކުރެވިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި މި މަނަވަރުގައި ބޭނުންކުރާ އެކިކަހަލަ އާލާތްތައް ބައިވެރިންނަށް ދައްކާލައި، އެއާގުޅޭ މަޢުލޫމާތުތައްވެސް ވަނީ ހިއްސާކޮށްފައި ކަމަށް ބުނެފައި ވެއެވެ.
ކުރިއަށްއޮތްތާގައިވެސް އިސްރަށްވެހިންގެ ނާދީގެ ފަރާތުން މިފަދަ ގިނަ ހަރަކާތްތަކެއް ރާވާ ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، އިސްރަށްވެހިންނަކީ މުޖުތަމަޢުގައި އެމީހުންގެ ބައިވެރިވުން ހިމެނޭ، އެބައެއްގެ ޚިދުމަތްތަކުގެ އަގުވަޒަންކުރެވޭ، އަދި މުޖުތަމަޢުގެ އެންމެންގެ ލޯތްބާއި އިޙްތިރާމްލިބޭ ބަޔަކަށް ހެދުމަށް މިފަދަ ކޮންމެ ހަރަކާތަކުން މަގުކޮށިގެންދާކަމަށް އެ ވުޒާރާއިން ޤަބޫލުކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

