ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅުނު 5 މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް ދަށުން މިއަދު ގެންދެވުނު ހަރަކާތާއިއެކު، ގދ. އަތޮޅު ކައުންސިލުން އެއްލައްކަ ގަސް އިންދުމުގެ ޕްރޮގުރާމެއް ފަށައިފިއެވެ.
މި ހަރަކާތުގައި އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ގެ އިތުރުން އެއަތޮޅު ހުރިހާ ރަށެއްގެ ކައުންސިލް ރައީސުންނާއި، ތިނަދޫ ސިޓީ މޭޔަރު ސައިދު އަލީވެސް ބައިވެރިވެ ވަޑައިގެންފަވެއެވެ. އަދި ތިނަދޫ ސިޓީ ގެ މުއައްސަސާތަކުންވެސް ވަނީ ބައިވެރިވެފައެވެ.
ގދ. އަތޮޅު ކައުންސިލުން "ހުވަދޫ މީޑިއާ" އަށް މައުލޫމާތު ދެއްވަމުން ބުނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ގދ. އަތޮޅުގެ ރަށްރަށު ސްކޫލްތަކަށް ޑަސްބިން ހަދިޔާ ކުރުމާއި ގދ. އަތޮޅުގެ ރަށްތަކުގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު ހެނދުނު ވަގުތެއްގައެވެ.
މި ހަރަކާތް ކުރިއަށްދިޔައީ ތިނަދޫ ސްޓޭޓް ހައުސްގައެވެ.

އަތޮޅު ކައުންސިލުން އެއްލައްކަ ގަސް އިންދުމުގެ ޕްރޮގުރާމްގެ ތެރެއިން: އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ގެ އިތުރުން އެއަތޮޅު ހުރިހާ ރަށެއްގެ ކައުންސިލް ރައީސުންނާއި، ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީވެސް ބައިވެރިވެ ވަޑައިގަތުން/ ފޮޓޯ: ގދ. އަތޮޅު ކައުންސިލް
ތިނަދޫ ސިޓީގައި ގަސްއިންދުމުގެ ހަރަކާތް ކުރިއަށް ގޮސްފައިވާއިރު، ގަސްއިންދާފައިވަނީ ތިނަދޫ އިރުއުތުރު އަލަށް ހިއްކި ސަރަހައްދުގައެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ ރަށްރަށު ސްކޫލްތަކަށް ޑަސްބިން ވެސް ހަދިޔާކޮށްފައެވެ. އަތޮޅުގެ 11 ސުކޫލަކަށް މަދުވެގެން 10 ޑަސްބިން ވަނީ ހަދިޔާ ކޮށްފައެވެ.

ގދ އަތޮޅު ކައުންސިލުން އެއްލައްކަ ގަސް އިންދުމުގެ ޕްރޮގުރާމްގެ ތެރެއިން ސްކޫލްތަކަށް ޑަސްބިން ވެސް ހަދިޔާކޮށްފަވޭ/ ފޮޓޯ: ގދ. އަތޮޅު ކައުންސިލް
ސުކޫލުތަކަށް ޑަސްބިން ހަދިޔާކުރުމުގެ މި ހަރަކާތަކީ މިއަހަރަށް ކަނޑައެޅިގެން ކުރިއަށްދާ ބަޖެޓްގައި ހިމަނާފައިވާ ހަރަކާތެއް ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

