ގދ.ތިނަދޫގެ މަގުހެދުމުގެ މަޝްރޫއު އާއި ގުޅޭގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އާރުޑީސީއާއެކު ބޭއްވުނު މިބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމްގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވުނީ 450 ދުވަހުގެ ތެރޭގައި ތިނަދޫގެ މަގުތަކުގައި ތާރު އަޅައި މަގުހަދައި ނިންމުމަށް އާރުޑީސީ އާއެކު އެއްބަސްވެފައިވާ މަޝްރޫއު، ކޮވިޑް-19ގެ ސަބަބުން މެދުކެނޑިފައި އޮތުމަށްފަހު އަލުން ފެށިއިރު ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުންނެވެ. އެގޮތުން މިމަސައްކަތް ލަސްވެގެންދާ ސަބަބުތަކާއި ބޭނުންވާ ކަންތައްތައް މިނިސްޓަރަށް ވަނީ ހުށަހެޅިފައެވެ. އަދި މިނިސްޓަރ އަސްލަމްގެ ފަރާތުން ވަނީ ވަރަށް އެދެވޭ ޖަވާބެއް ލިބިފައެވެ.
މިއަހަރު އޭޕްރީލްމަހު ސޮއިކުރެވުނު 78.80 މިލިޔަން ރުފިޔާގެ މިމަޝްރޫޢުގެ ދަށުން ތިނަދޫގެ 6.5 ކިލޯ މީޓަރުގެ މަގުތަކުގައި ތާރު އެޅުމާއި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އާރުޑީސީން ވަނީ ހާމަކޮށްފައެވެ.

