މިއަދު ހަވީރު ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދިޔަ ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތް 2024ގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގައި 3 ސެޓު 1 ސެޓުން ދަޑުކޮޑޭ ރެކްރިއޭޝަން ކްލަބް (ޑީއާރުސީ) ވިމެންސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އޯލް ސްޓާރޒް ހޯދައިފިއެވެ.
ގިނަ ބަޔަކު ކުޅި ބަލަން އެއްވި، ފޯރިގަދަ ފައިނަލް މެޗުގައި، ޑީއާރުސީގެ މައްޗަށް ގަދަވެގަނެވޭތޯ އޯލް ސްޓާރޒް ވަނީ ކޮންމެ ސެޓެއްގައި ވެސް ވަރަށް މަސައްކަތް ކޮށްފައެވެ. އެގޮތުން 25-22 އަދި 25-21 އިން ފުރަތަމަ 2 ސެޓު އޯލް ސްޓާރޒް ނެގިއަސް ނަތީޖާ ސީދާ 3 ސެޓަށް ނުދީ ތިންވަނަ ސެޓު 25-18 އިން ޑީއާރުސީން ނެގިއެވެ. އޯލް ސްޓާރޒް ޗެމްޕިއަންކަން ހޯދީ 4 ވަނަ ސެޓުން ޑީއާރުސީ ބަލިކޮށްގެންނެވެ. ހަތަރު ވަނަ ސެޓު އެ ޓީމުން ނެގީ 25-23 ގެ ސްކޯ އަކުންނެވެ.
ތިނަދޫ ސިޓީގައި އަމިއްލަ ފަރާތަކުން ހިންގާ ރެސްޓޯރަންޓް، އަލިކެފޭގެ ސްޕޮންސަރުގެ ދަށުން ކުޅުނު ޑީއާރުސީ ވިމެންސް ޓީމުން އަންހެން ޑިވިޝަނުގެ ރަނަރަޕްކަން ހޯދާފައިވާއިރު ފިރިހެން ޑިވިޝަނުގައި ވެސް ޑީއާރުސީގެ ޓީމެއް ވަނީ ބައިވެރިވެ ރަނގަޅު ކުޅުމެއް ދައްކައިފައެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗް އޮތީ މިރޭ 21:30 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ސޭމް ސޭމް އަދި މޯލްޑިވްސް ސްޓާރެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމުތަކަށް ތައްޓާއި އިނާމުދީ މުބާރާތް ނިންމާލާ ރަސްމިއްޔާތު އޮންނާނީ މިރޭ ކުޅޭ ފައިނަލް މެޗަށް ފަހުގައެވެ.
މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތުގައި އަންހެން ޑިވިޝަނުގައި 5 ޓީމު އަދި ފިރިހެން ޑިވިޝަނުގައި 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
= ފިރިހެން ޑިވިޝަން
1 ޝޫޓިންގ ސްޓާރޒް
2 މޯލްޑިވްސް ސްޓާރް
3 ސްކޯޕިއަންސް
4 ޑީއާރުސީ މެންސް
5 ސޭމް ސޭމް
6 ތިނަދޫ ޕޮލިސް
= އަންހެން ޑިވިޝަން
1 ފިޓް ފެމިނައިން
2 އޯލް ސްޓާރޒް
3 ޑީއާރުސީ ވިމެންސް
4 އިންފިނިޓީ
5 ކުއީން ބީސް
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުރިއަށް ދަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ. ހަމައެކަނި ތިނަދޫގައި ދިރިއުޅޭ މީހުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްދާ މި މުބާރާތް ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

