ބަނޑުގައި ގޭސް އުފެދުން ނުވަތަ ގޭސްވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ގޭސްވުން ނުވަތަ ބްލޯޓެޑް ސްޓަމަކުގެ މައްސަލަ ކުރިމަތިވަނީ ގޮހޮރުގެ ވަކި ހިސާބެއްގައި ނުވަތަ ގޭސްޓްރޯއިންޓެސްޓައިނަލް (ޖީއައި) ޓްރެކްޓުގައި ގޭސްތައް އުފެދި ގިނަވުމުންނެވެ. މިކަމުގެ ސަބަބުން އާދައިގެ މަތިން ހުންނަ ވަރަށްވުރެ ބޮޑަށް ބަނޑު ފުއްޕައި، ބައެއް ފަހަރަށް ބަނޑުގެ ވަކި ހިސާބަކަށް ތަދެއް އަރާފައި ހުރެއެވެ. ބްލޯޓެޑް ސްޓަމަކުގެ މައްސަލަ އަކީ އުނދަގޫ ބޮޑު އަދި އޭގެ ސަބަބުން މޫޑު އޮފްވެ ދުވަހުގެ މަސައްތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ.
އާންމުގޮތެއްގައި ޖީއައި ޓްރެކްޓުގައި ގޭސް އުފެދި ގިނަވަަނީ ތިން ކަމަކާ ހެދިއެވެ. އެއީ
ހަޖަމުގެ ނިޒާމަށް ޖެހޭ މައްސަލަތައް
ހަޖަމުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ ގިނަ ފަހަރަށް ބްލޯޓެޑް ސްޓަމަކުގެ އުނދަގޫ ދިމާވެއެވެ. ބަނޑު ހިކުމުގެ ސަބަބުން ބޮޑުކަމުދާ ތަކެތި ގޮހޮރުގައި ގިނަވެ ގޭސް އުފެދުމަށް މަގުފަހިވެގެންދެ އެވެ. މިހެން ދިމާވަނީ ބޮޑުކަމުދާ ތަކެތި ގިނަވެ ބަނޑުގައްޔާއި ގޮހޮރުގައި އުފެދޭ ގޭސްތައް ބޭރުކުރެވޭ ވަރު މަދުވެ ގޭސްގެ މިންވަރު އިތުރު ވުމުންނެވެ. މިފަދަ ހާލަތެއްގައި ބަނޑު ފުއްޕުގެ އިތުރުން ބަނޑުގައި ރިއްސުން ފަދަ މައްސަލަތަކާ ކުރިމަތިވެއެވެ. ގިނަ ފަހަރަށް މިފަދަ ހާލަތަކުން ސަލާމަތްވަނީ ފާހާނާ އަށް ގޮސް ބަނޑު ހުސްކޮށްލުމުންނެވެ.
ޑައިޓު
ތިމާ ފޮލޯ ކުރާ ޑައިޓެއްގެ ސަބަބުން ވެސް ބްލޯޓިންގް މައްސަލަ ކުރިމަތިވެދާނެ އެވެ. ފިޒީ ޑްރިންކްސް، މާގިނައިން ސޯލްޓް އަދި ހަކުރު ކެއުމުގައި ބޭނުން ކުރުމަކީ ވެސް އެކްސެސިވް ގޭހަށް މަގުފަހިކުރުވާ ކަންތަކެވެ. މީގެ އިތުރުން، ހަޖަމުގެ ނިޒާމަށް އެންމެ މުހިއްމު ކާނާގެ ބާވަތް ކަމަށްވާ ފައިބާގެ މިންވަރު ޑައިޓުގައި ދަށްވާ ނަމަ ވެސް ގޭސް އުފެދި ގިނަވެދާނެ އެވެ. މީގައި ސަމާލުކަންދޭންވީ ތަންކޮޅަކީ ބައެއް ފަހަރަށް ފައިބާގެ މިންވަރު ނަގަންޖެހޭ މިންވަރަށްވުރެ ގިނައިން ނަގާނަމަ ވެސް މި މައްސަލަ ބައެއް މީހުންނަށް ކުރިމަތިވެއެވެ. އެހެންކަމުން އެކަންވެސް މެދުމިންވަރެއްގައި ބެހެއްޓުން ރަނގަޅެވެ. ފައިބާ ހިމެނޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އޯޓްސް، އެވޮކާޑޯސް، އެކި ވައްތަރުގެ ބެރީސް އަދި ދޮންކޭލާ ކެރެޓު ހިމެނެ އެވެ. މީގެ އިތުރުން ހެނދުނު ހެނދުނާ ޔޯގަޓް ކާނަމަ ވެސް ގޭހުގެ މައްސަލަތަކާ ހަށިގަނޑު ދުރުކުރެވޭނެ އެވެ. ޔޯގަޓަކީ ގޮހޮރުގެ ފަންކްޝަންސްތައް ހަލުއިކޮށްދީ ގަވައިދުން ބޮޑުކަމުދިއުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ހޯމޯނަލް ޗޭންޖަސް
އަންހެނުންގެ މައްސަރު ކަންތައް ޖެހުމުގެ ކުރިންނާއި ރަނގަޅުވާ ދުވަސްވަރުގައި ގޭހުގެ މައްސަލަ ބައެއް ފަހަރަށް ކުރިމަތިވެއެވެ. މިހެންވަނީ އެ ދުވަސްވަރު ހަށިގަނޑުގެ ހޯމޯންސް ތަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ. މި ކަމަށްވެސް އޮތް އެންމެ ރަނގަޅު ހައްލަކީ ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ލިއްބައިދޭންޖެހޭ ވަރަށް ފެން ބުއިމާއި ފައިދާހުރި ޑައިޓެއް ފޮލޯ ކުރުމެވެ. ފެން މަދުވުމަކީ ބަނޑު ހިއްކައި ބޮޑުކަމުދިއުމުގެ ނިޒާމު މަޑުޖައްސާލާ ކަމެކެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ވެސް މަދުވެގެން ދެ ލީޓަރު ފެން ބުއިމަކީ ބޮޑުކަމުދާ ތަކެތި ހަށިގަނޑުން ގަވައިދުން ބޭރުކޮށް ޖީއައި ޓްރެކްޓު އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށް މުހިއްމު ކަމެކެވެ.
މި ކިޔައިދިން ކަންތަކުގެ އިތުރުންވެސް ކާއިރު މާ އަވަސް އަވަހަށް ކެއުމާއި، ޗުވިންގަމު ހަފައި އަދި ސިގަރެޓު ބުއިމަކީ ވެސް ބްލޯޓެޑް ސްޓަމަކަކަށް މަގުފަހިކުރުވާ ކަންތަކެވެ. މިކަންތަކަށް ސަމާލުކަންދީ ގަވައިދުން ކަސްރަތުކޮށް ފައިދާހުރި ކާނާގެ މައްޗަށް އެކުލެވޭ ޑައިޓަކަށް ފޮލޯ ކުރުމުން ގޭހުގެ މައްސަލަ ކުރިމަތިވާލެއް މަދުކުރެވިދާނެ އެވެ.

