ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި މިރޭ ކުޅުނު ތިނަދޫ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ހިނގާދިޔަ ކަންތައްތަކެއްގެ ސަބަބުން މެޗު ނިންމާލައިފިއެވެ.
ފިިރިހެން ޑިވިޝަނުގެ ފައިނަލުގައި ވާދަކުރަމުން އައީ މޯލްޑިވްސް ސްޓާރް އަދި ސޭމް ސޭމެވެ.
ފައިނަލް މެޗު ނިންމާލުމާ ހަމައަށް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވެސް ވާދަވެރި ކުޅުމެކެވެ. މެޗުގެ ކުޅުން ހުއްޓާލާފައިވަނީ ފަސްވަނަ ސެޓުގައެވެ. ދެ ސެޓު ދެ ސެޓުން ދެ ޓީމު އެއްވަރު ވެގެން ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުގެ ތެރެއިން ކުރިމަތިވި މައްސަލައެއްގެ ސަބަބުން ހިޔާލު ތަފާތުވެ ކުޅުން ކުރިއަށް ނުގެންދަން އިންތިޒާމު ކޮމިޓީން ވަނީ ނިންމައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިޒާމު ކޮމިޓީން އިތުރު މަޝްވަރާތައް ކުރުމަށްފަހު މި މެޗު ފަހުން ކުޅޭނެ ތާރީހު އިއުލާނު ކުރާނެ އެވެ.
މިރޭގެ މެޗުގައި ކުރިމަތިވި މައްސަލައާ ހެދި އިނާމު ދިނުމުގެ ރަސްމިއްޔާތުވެސް ކެންސަލްކޮށްފައިވާއިރު މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގެ އިނާމު ދިނުން ވެސް ރާވާފައި އޮތީ ފިރިހެން ފައިނަލަށްފަހު ދޭ ގޮތަށެވެ. ނަމަވެސް، ކުރިމަތިވި މައްސަލައާ ހެދި އިނާމު ދިނުން ވެސް ކެންސަލް ކޮށްފައިވާއިރު ފިރިހެން ފައިނަލާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތާމެދު ނިންމާ ގޮތެއް އިންތިޒާމު ކޮމިޓީން ފަހުން އިއުލާނު ކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުން އައިސްފައިވާއިރު މިރޭގެ މެޗު ބެލުމަށްޓަކައިވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ޖަމާވިކަން ފާހަގަކޮށްލެވެ އެވެ.

