އިޒްރޭލުން ފަލަސްތިނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ގޮވާލާ ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
ޙުތުބާގައި ގޮވާލާފައިވަނީ ފަލަސްތިނުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކާއި އަނިޔާވެރި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި، އަދި އެ އަނިޔާވެރި ޢުދުވާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
“ދީނުގައި ފާޅުގައި ސާބިތުވެ ތިބޭނެ ބަޔަކު މިދުނިޔެމަތީގައި ވާނެ. ޢަދުއްވުންގެ މައްޗަށް ގަދަވެތިބޭނެ ބަޔަކު ވާނެ. އެއީ ޔަހޫދީންނާއި ދެކޮޅުވެރިވާ ބަޔަކު. ،އެބައިމީހުންނަކަށް ގެއްލުމެއް ނުލިބޭނެ” ޙުތުބާ
މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު އަދާކުރަންޖެހޭ ހައްގުތަކެއްވާ ކަމަށާއި، ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމަށް އެންމެން އަތުގުޅައިލާން ޖެހޭ ކަމަށެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ، މުސްލިމެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބެއް ކަމަށްވެސް ޙުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަނށްޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއްނޫން ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.
އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި، މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި، އިސްލާމީ ސަޤާފަތާއި އުންމަތުގެ ޙަޟާރަތު ފުނޑުފުނޑުކޮށްލުމަށްޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަމެއް ކަމަށާއި، އަދި އެކަންކަމުގެ ކުރިމަތީގައި ނިކަމެތިވެފައި ތިބޭން މި ޖެހެނީ އިސްލާމްދީނުގެ އުޞޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ފާހަގަކޮށްފައިވަނީ ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމަށާއި، މުސްލިމުންގެ ޢަދަދު ކިތަންމެ ގިނަ ނަމަވެސް، ދުންޔަވީ އެދުން އިސްކޮށް، މަރުދެކެ ބިރުން ތާއަބަދަށް ދުނިޔޭގައި އުޅުމުގެ ދަހިވެތިކަން ހިތްތަކުގައި ނުއެފެއްދުމަށެވެ.
އެހެންނޫންނަމަ މުސްލިމުން ބަލިކަށިވެގެން ދާނެ ކަމަށާއި، މުސްލިމުންނަށް ނަޞްރު ލިބުން އޮތީ ޢަޤީދާ ވަރުގަދަކޮށް ޙައްޤު ގޮތުގައި اﷲ އަށް އީމާންވެ، ޤުރްއާނާއި ސުންނަތުގައި ހިފައިގެން ކަމަށެވެ. އެކުވެރިވެ އެއްބައިވަންތަވާން ޖެހޭ ކަމަށާއި، ޙަސަދަވެރިކަމާއި، ރުޅިވެރިކަމުން އެއްކިބާވެ ޙަޔާތުގައި އިސްލާމްދީން ވަރުގަދަޔަށް ޤާއިމުކޮށްގެން މެނުވީ މުސްލިމުންނަށް ކުރިއެރުމެއްނުލިބޭނެ ކަމަށެވެ.

