ފިނިފަތިހެކެވެ. ޒީނާ ވަރަށްހެދުނާ ހޭލައިގެން ފަތިސްނަމާދު ކުރުމަށްފަހު ދިޔައީ ބަދިގެއަށެވެ. ގޭތެރެ އޮތީ ވަރަށް ހަމަހިމޭންކޮށެވެ. ހީވަނީ އަދި އެކަކުވެސް ނުހޭލާހެންނެވެ. ޒީނާ ސައިބޮއިގެން ދިޔައީ ސްކޫލަށްދާން ތައްޔާރުވެލާށެވެ. އިރުކޮޅަކުން މަންމަ ގޮވާލިއަޑުއިވުނެވެ. ޒީނާ ތައްޔާރުވެގެން އަވަސް އަވަހަށް ނުކުތެވެ. “ދަރިފުޅާ ސައިބޮއިފިންތަ ” މަންމަ އަހާލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ޒީނާ ބޯ ޖަހާލިއެވެ. އަދި ދާން ހިގައިގަތެވެ.
އާދައިގެ މަތިން ޒީނާ އޭނަގެ އެކުވެރި ސާރާ އެކީ ސްކޫލަށް ދަނިކޮށް މީހަކު ޒީނާއޭ ކިޔާ ގޮވާލިއަޑު އިވުނެވެ. ޒީނާ އެބުރި ބަލާލިއެވެ. ދީމް އަންނަތަން ފެނުމުން ޒީނާ މަޑުކޮށްލިއެވެ. ދީމް އެމީހުންނާ އަރާ ހަމަވުމުން ތިންކުދިން އެކުގައި ހިގައިގަތީ ކޮލެޖަށެވެ.
ދީމްއަކީ ފަގީރު ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ތަގްދީރު ނިޔާކުރި ގޮތުން ތައުލީމް ހާސިލްކުރުމުގެ ފުރުސަތެއްވެސް ނުލިބުނީއެވެ. ދީމް ވަރަށް ކުޑައިރު ދީމްގެ ބައްޕަ ވަނީ ނިޔާވެފައެވެ. އެހެންކަމުން ގޭގެ ހުރިހާ ކަމެއް ބަލަހައްޓަނީ ދީމްއެވެ. ވަޑާންކޮށްގެން ލިބޭ ލާރިކޮޅުން ދެކޮޅުޖެހެނީ ކިރިޔާއެވެ.
ޒީނާ އާއި ދީމް ރައްޓެހިވެގެން އުޅޭކަން ކޯހުގެ ހުރިހާ ކުދިންނަށްއެގެއެވެ. ދެކުދިން އެކުގަ އުޅޭތަން ފެނުމުން ބައެއް ކުދިން ޒީނާއަށް މަލާމާތްކޮށް ހަދައެވެ.ޒީނާ އެކަމާ އަޅާނުލައެވެ. އެއްދުވަހު ޒީނާ ކްލާސް ނިންމާފައި ގެއަށްދާން ނުކުތްތަނާހެން ކުރިމައްޗަށް އައިސް ހުއްޓުނީ ފިރާޝްއެވެ.
” ޒީނާ! ގެއަށްތަ ތިދަނީ އަހަރެން ގެންގޮސްދީފާނަން. އަރާ ސައިކަލަށް.”
ފިރާޝް މިހެން ބުނުމުން ޒީނާ އަޅާވެސްނުލާ ކުރިޔަށް ހިގައިގަތެވެ.
“ކޮބާ މިއަދު ޒީނާގެ ބޮޑީގާރޑް!” ފިރާޝް ސަމާސާ ރާގަކަށް ބުނެލިއެވެ.
“ފިރާޝް!” ޒީނާ ރުޅިވެރި ނަޒަރަކުން ފިރާޝްގެ މޫނަށް ބަލާލިއެވެ. އަދި ކުރިއަށްވެރެވެސް ބާރަށް ހިގައިގަތެވެ.
ފިރާޝްގެ އުދަގޫތައް ދަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ. އޭނަ ބުނާގޮތުގައި އޭނަ ޒީނާ ދެކެ ވަރަށް ލޯބިވެއެވެ. އެކަމަކު ޒީނާ ލޯބިވަނީ ދީމް ދެކެއެވެ. ޒީނާ މިހުރިހާ ވާހަކައެއް ދީމް ކައިރީ ކިޔައިދެއެވެ.
” ޒީނާ! އެކަމާ އަޅާނުލާ. މީހުން ފާޑުފާޑުގެ އެއްޗެހި ކިޔާނެ. ޒީނާ އަޅާނުލާ! އަހަރެން ޒީނާ ދެކެ ވަރަށް ލޯބިވޭ. ޒީނާވެސް އަހަރެންދެކެ ލޯބިވޭ. އަހަރެމެން ދެމީހުން ދެމެދަށް އެކަކަށްވެސް ނުވަދެވޭނެ” ދީމްގެ ބަސްތަކުން ޒީނާއަށް ވަރަށް ހިތްވަރު ލިބެއެވެ.
ދުވަސްތައް ފާއިތުވަމުން އައިސް އެމީހުންގެ ޓެސްޓު ހަފްތާ އައިސް ޖެހުނީއެވެ. ދީމް ގިނަވަގުތު ހޭދަކުރަނީ ކިޔެވުމުގައެވެ. ޒީނާ ވެސް އެކުވެރި ކުދިންނާއެކު ކިޔެވުމުގައި މަސްއޫލް ވެއްޖެއެވެ. ދެކުދިން މިހާރަކަށް އައިސް ބައްދަލުވަނީ ހަމައެކަނި ކްލާސްތެރެއިންނެވެ. އެއީ ދެކުދިންގެވެސް ނިންމުމެވެ. މިހެން ބައްދަލުވާ ވަގުތު ތަކުގާވެސް ވާހަކަ ދެއްކެނީ މަދުފަހަރަކުއެވެ.
ޒީނާ ޓެސްޓު ނިންމާފަ ނުކުމެ ކެންޓީނުގައި އިންދާ އެކުވެރި ކުދިންކޮޅެއް އައިސް ޒީނާ ކައިރީ ޖައްސާލިއެވެ.
” ޒީނާ! އަދި ދުވަސްކޮޅަކުން ޒީނާވެސް ގެއްލިދާނެދޯ!”
” އާ! ކޯސްވެސް ނިމުނީވިއްޔާ!” ޒީނާ ބުނެލިއެވެ.
“ކޯސް ނިންމާފަ ކޮންތާކަށް ޒީނާ ދާނީ. އަހަރެމެން އުޅޭނީ ރަށުގައި..” އެކަކު ބުނެލިއެވެ.
” ރަށުގަ މިހެން ތިއްބަކަސް ކަމަކު ނުދާނެދޯ ޒީނާ!”
” އާ! އަހަރެން ދާނީ މާލެ. މާލެއިން ވަޒީފާއެއް ހޯދާނީ” ޒީނާ ބުންޏެވެ.
” ދެން ދީމް އޯ! އޭނަ ނުދާނެ އޭނަ މަންމަ ދޫކޮށްލާފަ މާލެއަކަށް. އެއްށްވުރެ އޭނަ މާ ފިނޑި. ޒީނާއަށްވެސް އޭނަ ވަރު މީހެއް ނެތް ވިއްޔާ. ކީއްކުރާނީ. އެއުޅޭ ފިރާޝްއަށް ނިކަން ބަލާލަބަ. ކޯޗެއް މަދީ. މުއްސަދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު. ޒީނާ ދެކެ ލޯބިވޭ. ދެން ކޮބާ މައްސަލައަކީ. ހަމަޔަޤީނުންވެސް ދީމައަށް ވުރެ އުފަލުގަ ޒީނާ ގެންގުޅޭނެ.” އެކުވެރިންގެ ވާހަކަތަށް ޒީނާ ކަނުލާ އަޑުއެހިއެވެ.
” ޒީނާ! އަދިވެސް ވަގުތު ފާއިތެއްނުވޭ. ފިރާޝް އެހެރީ ޒީނާގެ އިންތިޒާރުގަ. އަދި އެއްފަހަރު ވިސްނާލާ”
ޒީނާ އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އެކުވެރިންގެ ވާހަކަތަކާމެދުގައެވެ.މިހެން އިންދާ ދީމް އެތަނަށް އައެވެ.
” ޒީނާ. ކިހިނެތްވެފަތަ ތިއިނީ.ހާދަ ކަންބޮދުވެފަ. އަނެއްކާ ޓެސްޓު އުދަގޫވީތަ!” ދީމް އަހާލިއެވެ.
” އުހު! އެހެނެއްނުން” ޒީނާ ދިނީ ކުރު ޖަވާބެކެވެ.
” ދީމް. އަހަރެން މިއުޅެނީ ބޮލުގަ ރިއްސާތީ. އަހަރެން މިދަނީ ގެއަށް.” މިހެން ބުނެ ޒީނާ ކެންޓީނުން ނުކުތީއެވެ. ދީމް އިނީ ޒީނާއަށް ވީގޮތެއް ނޭގިފައެވެ.
މިއަދަކީ ކޯހުގެ އެންމެ ފަހު ދުވަސްކަމުން ދީމް ޒީނާ ފެނޭތޯ ވަރަށް ހޯދިއެވެ. އެކަމަކު ދީމްއަށް ޒީނާ ނުފެނުނެވެ. މާޔޫސްވެހުރެ ދީމް ގޮސްވަނީ ކެންޓީނަށެވެ. ކަންދިމާކުރިގޮތުން އެތާގަ ޒީނާވެސް އުޅެއެވެ. ދީމް ޒީނާއޭ ކިޔާ ގޮވާލިއެވެ. ޒީނާއަށް އަޑު އިވުނުކަމުގާ ވިޔަސް އަޑުއިވޭ ކަމަކަށް ނަހަދައެވެ. މިހާރަކަށް އައިސް މިއީ ޒީނާ ހަދާގޮތެވެ. ދީމް ހުންނަނީ އެކަމާ ވަރަށް ދެރަވެފައެވެ. ދީމް ގޮސް ޒީނާ އިން މޭޒުކައިރީ އިށީނެވެ. އަދި ޒީނާގެ މޫނަށް ބަލާލިއެވެ. ޒީނާ އިނީ އިސްޖަހައިގެންނެވެ. އިރުކޮޅަކުން ނުކުމެގެން ހިގައްޖެއެވެ. ޒީނާގެ ފަހަތުން ދީމް ވެސް ނުކުތެވެ. ދީމް ޒީނާގެ އަތުގަ ހިފެހެއްޓިއެވެ.
” ޒީނާ. ރުޅިއައިސްގެންތަ ތިހިރީ”
ނޫނެކޭ ބުނުމުގެ ގޮތުން ޒީނާ ބޯ ހޫރާލިއެވެ.
” ދެންކީއްވެ އަހަންނާ ވާހަކަ ނުދައްކާ ތިދަނީ.މިހާރަކަށް އައިސް ޒީނާ ބަދަލުވެއްޖެ ހެން އަހަންނަށް ހީވަނީ. ކީއްވެ ޒީނާ. ކީއްވެ އަހަންނަށް ތިހެން ތިހަދަނީ..”
” ދީމް. އަހަރެން ދީމްދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭ. އަދި ތިހެން ކިތަންމެ ވަރަކަށް އަހަރެން ފަހަތުން ދުވިޔަކަސް ދީމް އަކަށް އަހަންނެއް ނުލިބޭނެ. މިގުޅުމަށް އަހަރެން ކީއްކުރަން އަހަރެންގެ މައިންބަފައިންވެސް ގަބޫލެއް ނުވާނެ. ދެން ރަގަޅުވާނީ އަހަރެން ފަހަތުން ނައިއްޔާ ”
ޒީނާގެ ވިހަގަދަ ބަސްތަކުން ދީމްގެ ހިތް ކުދިކުދި ކޮށްލިއެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. ޒީނާ އަޅާވެސް ނުލާ ހިގައްޖެއެވެ. އެވަގުތު އޭނަ ހިތަށް އެރިއެވެ. އަހަރެން މިހިރީ ދުނިޔޭން އެކަނިވެ ބާކީ ވެފައެވެ. ޒީނާއާ ނުލާ އަހަރެންގެ ދިރިއުޅުން ބޭކާރެވެ.
ކޯސް ނިމުން ޒީނާ ދީމްއަށް އަންގާވެސްނުލާ މާލެ ފުރައިގެން ދިއައީއެވެ.
މިއަދަކީ ޒީނާގެ ހަޔާތަށް އައި ވަރަށް އުފާވެރި ރެއެކެވެ. ޒީނާ ކައިވެނިކުރީ ފިރާޝް އާއެވެ. ފިރާޝްއަކީ މުއްސަދި ވިޔަފާރިވެރިއެއްގެ ދަރިއެކެވެ. މިއަދު ޒީނާއަށްވުރެ އުފަލުގަ އުޅޭ މީހަކު ނެތެވެ. ޒީނާއާއި ފިރާޝްގެ ކައިވެންޏަށް އަހަރު ފުރުނުތަނާހެން ޒީނާ ބަޑުބޮޑު ވެއްޖެއެވެ. ފިރާޝް މިހާރު މުޅިންވެސް އުޅެނީ ރަށުން ބޭރުގައެވެ. ވިޔަފާރި ކަމެއްގައޭ ކިޔާފައެވެ. އެހެނަސް މިހާރަކަށް އައިސް ފިރާޝްގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ޒީނާއަށް ފާހަގަ ކުރެވެއެވެ. ރަށުގަ އުޅުނަސް ގެއަށް ވަދެލަނީ މަދުފަހަރަކުއެވެ. ކޮންމެ ގޮތެއްވިޔަސް ޒީނާ ބޭނުންވީ ފިރާޝްގެ ދިރިއުޅުމަށް މިއައީ ކޮންކަހަލަ ބަދަލެއްތޯ ބެލުމަށެވެ. އެގޮތުން ޒީނާ އަށް އެގުނީ ފިރާޝް އެހެން އަންހެން ކުއްޖެއް ގާތަށް ދާކަމެވެ. އޭގެ ފަހުން ޒީނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އެއީ ކޮންކުއްޖެއްތޯ ފިރާޝް ކައިރިން ކިތަންމެ ފަހަރަކުވެސް އަހާނަމޭ ހިތަށް އަރައެވެ. އެކަމަކު މިހާރަކަށް އައިސް މާރުޅިގަދަވެފަ ހުންނާތީ އަހަން ޖެހިލުންވަނީއެވެ. ޒީނާ ވަރަށް ކެތްކުރިއެވެ.
އެއްދުވަހަކު ފިރާޝް ކޮޓަރީގައި އޮތްވާ ޒީނާ ވަރަށް ހިތްވަރުކޮށްފައި އެއީ ކޮންކުއްޖެއްތޯ އަހާލިއެވެ. ފިރާޝް އަޅާވެސް ނުލިއެވެ. ދެވަނަފަހަރަށްވެސް ޒީނާ ހަމަ އެސުވާލު ތަކުރާރު ކޮށްލިއެވެ. ފިރާޝް ފުންމައިގެން ތެދުވެ ޒީނާގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ. އަދި އޭނަ ދެއަންބަށް މީހަކާ އިންނަން އުޅޭ ވާހަކަ ބުނެލިއެވެ. އެވަގުތު ޒީނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ފިރާޝް ޒީނާ ކޮއްޕާލުމުން ޒީނާ ގޮސް ޖެހުނީ އަލަމާރީގެ ދޮރުފަތުގައެވެ. ޖެހުނުލެއް ބާރުކަމުން މަންމާއޭ ކިޔާ ގޮވައިގަނެވުނެވެ. ފިރާޝް އަޅާވެސްނުލާ ނުކުމެގެން ދިޔައީއެވެ.
ދުވަސްތައް ފާއިތުވެގެން ދިޔަ ވަރަކަށް ފިރާޝްގެ އަނިޔާތައްވެސް ދިޔައީ އިތުރުވަމުންނެވެ. އެއަނިޔާތަކަށް ޒީނާ ވަރަށް ކެތްކުރެއެވެ. ހަމައެކަނި ބަޑުގައޮތް ދަރިފުޅަށްޓަކައެވެ. ޒީނާގެ ބަޑަށް މިހާރު 8 މަސް ފުރެނީއެވެ. ވިހަންކައިރިވާ ވަރަކަށް ޒީނާގެ ފިކުރު ދިޔައީ ބޮޑުވަމުންނެވެ. ދަރިފުޅުގެ މުސްތަގްބަލާ މެދުގައެވެ. ފަހަކަށްއައިސް ފިރާޝްގެ ފަރާތުން ޒީނާއަށް އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. އެފަގީރު އުޅޭހާލު އެގޭނީ ހަމައެކަނި ހެއްދެވިފަރާތަށެވެ.
ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ޒީނާ އިނީ ޓީވީ ބަލާށެވެ. ފިރާޝް ގެއަށް އައިކަމެއް ޒީނާއަކަށް ނޭގެއެވެ. ޒީނާ އޭ ކިޔާ ގޮވާލިއަޑަށް ސިއްސައިގެން ގޮސް ޒީނާ ބަލާލިއިރު ކޮޓަރީ ދޮރުމަތީހުރީ ފިރާޝްއެވެ. އައިގޮތަށް އައިސް ޒީނާގެ އިސްތަށިގަޑުގައި ހިފެހެއްޓިއެވެ.
“ހަމަ މިހާރުދޭ ފެންތަށްޓެއް ގެނެސްދޭން” ފިރާޝް އަމުރުކޮށްލިއެވެ.
ޒީނާ ރޮމުން ބަދިގެއަށް ގޮސް ފެންތަށްޓެއް ގެނެސް ދިނެވެ. ފެންތަށިން ކޯވަރެއް ބޯލުމަށްފަހު ބާކީ ހުރި ފެން ޒީނާގެ މޫނަށް ޖަހާލުމަށްފަހު ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ޒީނާ ބާރުބާރަށް ގިސްލާފައި ރޮނީއެވެ. ޒީނާގެ ހަޔާތަށް މިއައީ ވަރުގަދަ ފިރިއެކޭ ހިތަށްއެރިއެވެ. ހަމަ އެވަގުތު މާކުރީގެ ހަދާނެއް އާކޮށްލިއެވެ.
ދީމްއާ ޒީނާ އެކުގަ އުޅުނު ހަދާނެވެ. ދީމްގެ ހިތްހެޔޮކަމެވެ. އަދި އެލޯބީގާ އޭނަ ކޮޅުފައިން ޖެހި ހަދާނެވެ. ދީމްފަދަ ފަގީރު ކުއްޖަކާ ދޭތެރޭ އެގޮތަށް ކަންތައް ކުރެވުނީމަ އެކަމާ މިއަދު ޒީނާ ވަރަށް ދެރަވެއެވެ. އެވަގުތު ދީމްއަށް ކުރެވުނު އިހުސާސް މިއަދު ޒީނާއަށް ކުރެވޭ ކަހަލައެވެ.
ޒީނާ މިކަހަލަ ހިޔާލެއްގާ އިންދާ ފިރާޝް ނުކުމެގެން ދިޔަތަން ފެނުނެވެ. އަތުގަ ވަރަށް ރީތި މާބޮޑިއަކާއި ޕާރުސަލެއް އޮތެވެ.
“އަނެއްކާ ފިރާޝް މިދަނީ ކޮންތާކަށްބާ ” ޒީނާ ހިތާހިތާ ކިޔާލިއެވެ.
ފިރާޝް މިދަނީ ކޮންތާކަށްތޯ ބަލާނަމޭ ހިތާ ޒީނާ ފިރާޝްގެ ފަހަތުން ދިޔައެވެ. ފިރާޝް މިސްރާބް ޖަހާލީ އާޓިފިޝަލް ބީޗާ ދިމާލަށެވެ. ފަހަތުން ޒީނާ ވެސް ދިޔައެވެ. މާގިނައިރެއްނުވެ ތަންކޮޅެއް ދުރުން އަންހެން ކުއްޖަކު އަންނަތަން ފެނުނެވެ. ޒީނާ އެތާހުރި ގަހަކާ ނިވާވެލިއެވެ. ކައިރިއަށް އައުމުން އެއީ ކާކުކަން އެގުނެވެ. އެއީ އެމީހުންނާއެކު ކޯހުގަ އުޅުނު އާމިލާ އެވެ. އާމިލާ ދުވެފަ ކަހަލަ ގޮތަކަށް ގޮސް ފިރާޝްގެ ގައިގައި ބައްދައިގަތެވެ. އެވަގުތު ޒީނާ ލޯމަރާލިއެވެ. ހީވީ ގަޔަށް ތޫނު ކަށިތަކެއް ހެރުނުހެންނެވެ. ޒީނާ އެބުރި ގެއާދިމާލަށް ހިގައިގަތެވެ. ގެއާހަމައަށް ނުދެވެނީސް ޒީނާ ބަޑުގައި ރިއްސަން ފަށައިފިއެވެ.
” މަންމާ ” ބޭއިޙްތިޔާރުގައި ޒީނާއަށް ގޮވައިގަނެވުނެވެ. ނަސީބަކުން ކުރިމަތިން އައި ކާރެއްގަ އިން މީހަކަށް ޒީނާ ބަޑުގަ އަތް އަޅައިގެން ހުއްޓާ ފެނިގެން އޭނަ ހޮސްޕިޓަލަށް ގެންދިޔައެވެ. މާގިނައިރެއްނުވެ ޒީނާ ލޯބިލޯބި އަންހެން ކުއްޖަކު ވިހައިފިއެވެ.
ޒީނާ ހޮސްޕިޓަލުގަ އޮންނަތާ ދެދުވަސް ފާއިތުވެގެން ދިޔަ އިރުވެސް ފިރާޝް ލޮލަށްވެސް ދައްކާނުލައެވެ. ދެދުވަސް ފަހުން ޒީނާ ގެއަށް ފޮނުވާލެވުނެވެ. ގެއަށްއައި އިރު ފިރާޝް ގެއަކު ނޫޅެއެވެ. ޒީނާ ހިތަށް އެރިއެވެ. ދޫލަޑެއްދޭނަމެވެ. މިހެންކިޔާފައި ކޮންމެވެސް ގޮތަކުން އާމިލާގެ ފިރިމީހާގެ ނަންބަރު ހޯދައިފިއެވެ.
ޖެހިގެންއައި ރެއެވެ. ޒީނާ އޮތީ ދަރިފުޅު ނިންދަވަން ކޮޓަރީގައެވެ. ފިރާޝް ރީތިވެލައިގެން ބޭރަށް ހިގައްޖެއެވެ. ޒީނާ ފުރުސަތުގެ ބޭނުން ހިފިއެވެ. އާމިލާ ފިރިމީހާއަށް ގުޅާފައި އާމިލާ މިވަގުތު ކޮންމެވެސް ފިރިހެނެއް ކައިރީ ބީޗުގަ ހުރި ވާހަކައާއި ގަބޫލްނުކުރެވޭނަމަ އެތަނަށް ގޮސް ބަލާށޭ ބުންޏެވެ. ފޯނުބޭއްވުމަށްފަހު ޒީނާ ވެސް އަވަސްވެގަތީ މަންޒަރުބަލަން އެތަނަށް ދިއުމަށެވެ. ގޭގައި ގެންގުޅޭ ކުއްޖަކު ކައިރީ އަންނަންދެން ދަރިފުޅު ބަލާށޭ ބުނެފައި ޒީނާ ބީޗަށް ދިޔައެވެ.
އާދައިގެ މަތިން އާމިލާއާއި ފިރާޝް ތިބީ މާފޮޅުވާށެވެ. ލޯބީގެ ބަގީޗާގައި ފަރިވެ ފޮޅެމުންދާ މާތަކުގެ މީރުވަހުން ގަތާލެވިފައިވާ ގުލްދަސްތާތަކުގެ ތެރޭގައި ވަކިވުމެއް ނުވާހެން ވައުދާ ހުވާތައް ކުރާށެވެ. މިހެންތިބި އިރު ފިރާޝް އާމިލާގެ ފިނިފެންމަލެއް ފަދަ މޫނަށް ބަލައިލައެވެ. އާމިލާ ލަދުންގޮސް އޭނަގެ މޫނުގައި އަތް އަޅާލައެވެ. ފިރާޝްގެ އުގުތެރޭގައި އޮވެގެން އާމިލާ އޭނަގެ ހިތުގެ ހުރިހާ ޝުއޫރުތަކެއް ފިރާޝްގެ ކުރިމަތީގައި ބަންޑުން ކުރަމުން ދިޔައެވެ. އެވަގުތު ހަނދުވެސް އެދެމީހުންނަށް ތަންދީފައި ވިލާކޮޅަކާ ނިވާވެލިއެވެ.
އެވަގުތު ކުއްލިއަކަށް އެދެމީހުންނަށް ހޭވެރިކަންވީ މީހަކު ވަރަށްބާރަށް އޭ ބަލަ މިހިރަ ގޮތްކުޑަ އަންހެނާއޭ ކިޔާ ގޮވާލިއަޑަށެވެ. އާމިލާއަށް ބަލާލެވުނެވެ. ކަމަކުދާކަށްނެތެވެ. ކުރިމަތީގައި ރުޅިއައިސް ރަތްވެފާ އެހެރީ އާމިލާގެ ފިރިމީހާއެވެ. އާމިލާއަށް ފުންމައިގެން ތެދުވެވުނެވެ. އެއައިގޮތަށްއައިސް އާމިލާގެ ކަންކަށިމަތީ ބާރުއެތިފަހަރެއް އަޅާލިއެވެ. ޒީނާ ހުރީ މަންޒަރު ބަލާށެވެ.
މާދުރުން މަންޒަރު ބަލަން ނުހުރެވިގެން ޒީނާ އެމީހުންނާ ތަންކޮޅެއް ކައިރިވެލިއެވެ. އާމިލާ ފިރިމީހާ އޭނަ އަތުހިފާ ނަގާ ދާން އެބުރިގަތެވެ. އެވަގުތު އޭނައަށް ކުއްލިޝޮކެއް ލިބުނު ކަހަލައެވެ. އާމިލާ އަތުން އޭނައަށް ދޫކޮށްލެވުނެވެ. ވީނުވީއެއް ނޭގި އާމިލާ ހުރީ ހައިރާންވެފައެވެ. ދާދި ދެންމެއަކު ރުޅިގަދަވެފަ ހުރި މީހާ މިހާރު އެހެރީ ފިނިވެފައެވެ.
ޒީނާގެ ހާލަކީވެސް މިއީއެވެ. ކަޅިވެސް ޖަހާނުލާ ބެލެނީ އެ މޫނަށެވެ. އެއީ މީގެ އަހަރުތަކެއް ކުރިން ޒީނާގެ ލޯތްބަށް އެދި އާދޭސްކުރި ދީމްއެވެ. ޒީނާއަށް ހޭވެރިކަންވީ ފިރާޝްގެ އަޑުންނެވެ.
” ޒީނާ ! ޒީނާދޯ މިހުރިހާ ކަމެއް ކުރީ .ތީ ހާދަ ނުލަފާ އަންހެނެކޭ ” ފިރާޝް ޒީނާގެ އިސްތަށިގަޑުގަ ހިފުމުން ދީމްއަށް ކެތްނުކުރެވުނެވެ.
ފިރާޝްގެ އަތުތެރޭން ޒީނާ ދަމައިގަތެވެ. ޒީނާ ދީމްގެ ފުރަގަހަށް ވަދެ ފިލީއެވެ. އެއިންވެސް ފިރާޝް ނެގީ އެހެން މާނައެކެވެ.
“ތީދޯ ތިކުރާކަމަކީ. އަދިވެސް ތިލޯބީގެ ކުޅިގަނޑު ނިމުމަކަށް ނާދޭދޯ! ”
” އަހަރެންތަ އަދިވެސް ކުޅިގަނޑެއް މިކުޅެނީ. ފިރާޝްއެއްނު މީހުންގެ އަބިން ކައިރިއަށް ތިދުވަނީ ” ޒީނާ ރައްދު ޖަވާބު ދިނެވެ.
” މިހާރު އަހަރެން ކުރިމަތީ އަގަވެސް ގަދަ ކުރަންފެށީތަ!”
“އާ! ވަރަށްގިނަ ދުވަހު އަހަރެން ކެތްކޮށްފިން. ދެންނުވާނެ..” ޒީނާ ބުނެލިއެވެ.
” އެހެންވިއްޔާ ދޭ! ތިހިރީ ވަރިކޮށްފަ!” ފިރާޝްގެ މިޖުމްލައިން ޒީނާ ސިހުނެވެ.
ފިރާޝް އައިސްފަ ހުރި ރުޅީގަ ހަމަ އެވަގުތު ޒީނާ ވަރިކޮށްލިއެވެ. ޒީނާއަށް ރޮވެނީއެވެ. އާމިލާވެސް ހުރީ ހައިރާންވެފައެވެ. ފިރާޝް ދާން ހިގައިގަތުމުން އާމިލާ އޭނަގެ އަތުގަ ހިފެހެއްޓިއެވެ. އަދި ބުންޏެވެ.
” ދީމް! އަހަންނަށް މާފްކުރޭ. އަހަންނަށް ފިރާޝްއާނުލާ ނޫޅެވޭނެ. ދީމްއާ އަހަރެން ކައިވެނި ކުރީ އުފާވެރި ދިރިއުޅުމެއް ލިބޭތޯ. އެކަމަކު ދީމްގެ މާޒީގެ ހަދާންތަކާ ހުރެ އަހަންނަށް ދީމްގެ ފަރާތުން ލޯތްބެއް ނުލިބުނު. އެލޯބި އަހަންނަށް ދިން މީހަކީ ފިރާޝް. އަހަރެން ބޭނުމީ ފިރާޝްއާއެކު އުޅެން. އަހަންނަށް މާފްކުރޭ.” އާމިލާ އާއި ފިރާޝް ހިގައްޖެއެވެ.
ޒީނާ އަދިވެސް ރޮނީއެވެ. ދީމް އޭނަގެ ކަރުނަތައް ފޮހެދިނެވެ. އަދި ބުންޏެވެ.
“އަހަރެން އާމިލާއާ ކައިވެނިކުރީ ޒީނާގެ ހަދާންތަކާ ދުރަށްދާން. ވަރަށް މަސައްކަތް ކުރިން .އެކަމަކު……..ޒީނާ! އަހަރެން އަދިވެސް ޒީނާ ދެކެ ލޯބިވޭ.”
މިއަދު ޒީނާއަށް ވިސްނުނެވެ. ” އަހަންނަކީ ދީމްގެ ކުށްވެރިއެއް. އަހަންނަށް ދީމްއާ ދޭތެރޭ ކަންތައް ކުރެވުނީ ރަގަޅަކަށް ނޫންކަން މިހާރު އިހުސާސް ކުރެވޭ. ދީމް އަހަންނަށް މާފްކުރޭ.” ރޮމުން ޒީނާ ބުނެލިއެވެ.
(ނިމުނީ)

