ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވި މީހުންގެ ތެރޭގައި ފަގީރުންގެ ލިސްޓުގައި ނުހިމެނޭ މީހަކަށް ޖާގަ ލިބފައިވާ ކަމަށް ދެކެވޭ ވާހަކައަށް ހައްޖުކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާރ މުހައްމަދު ޝަކީލް ރައްދު ދެއްވައިފިއެވެ.
ފަގީރުންގެ ދަފްތަރުގައި ހިމަނައިގެން މީހުން ހައްޖަށް ފޮނުވަން ސަރުކާރުން ވަނީ ނިންމާފައެވެ.
އެގޮތުން މިއަހަރު ސަރުކާރުގެ ހަރަދުގައި ފޮނުވުމަށް ނިންމީ 50 މީހުންނެވެ. އެމީހުން ހައްޖުގެ އަޅުކަމަށް ވަނީ ފުރާފައެވެ.
މިއަހަރުގެ ހައްޖަށް މީހުން ފޮނުވަން ފަށާފައިވާ މި ދަނޑިވަލުގައި ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނުފޫޒުން ހައްޖު ކިއުއަކުން ޖާގައެއް އެއްވެސް ފަރާތަކަށް ލިބިފައެއް ނޯންނާނެ ކަމަށެވެ.
“ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ،” ޝަކީލް ވިދާޅުވިއެވެ.
ހައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުންނަށް ސަރުކާރުން ވަނީ މި ފަސް އަހަރު ތެރޭގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވަން ނިންމާފައެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްވެސް މެއެވެ.
ރާއްޖެއިން ހައްޖަށް ދާން ގިނަ ބަޔަކު ކިއުގައި ޖެހިފައި އޮއްވައި އެ ކިއު ފަޅާފައި އެއްވެސް ބަޔަކަށް ޖާގަ ހޯދައިދީފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ވިދާޅުވެފައެވެ. ޝަހީމް ވިދާޅުވީ ޒަމާނުއްސުރެ ވެސް ރާއްޖޭގެ ސަރުކާރުގެ ބޭނުމަށް ޖާގަތަކެއް ކަށަވަރުކޮށްފައި ހުންނަ ކަމަށާއި ހައްޖު ކޯޕަރޭޝަން އުފެއްދުމުގެ ކުރިންވެސް ކަން އޮންނަ ގޮތަކީ އެއީ ކަމަށެވެ.

