މާތް ﷲ ވަޙީކުރެއްވިއެވެ. ﴿أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ(٢) وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ(٣)﴾ (العنكبوت) މާނައީ: [މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭ ކަމަށް ހީކުރީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (އުންމަތްތަކުގެ) މީހުން، ތިމަންރަސްކަލާނގެ އިމްތިޙާނު ކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، ﷲ ދެނެވޮޑިގެން ވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިން ވެސް އެކަލާނގެ ދެނެވޮޑިގެން ވެތެވެ.]
މި އާޔަތުގެ ތަފުސީރުގައި ޢިލްމުވެރީން ބަޔާން ކުރައްވައިފައި ވަނީ އަންނަނިވި ފަދައިނެވެ. [މި އާޔަތް ބާވައިލެއްވީ މުޝްރިކުން ދުއްތުރާކޮށް އަޛާބު ދެމުން ގެންދިޔަ މުއުމިނުންގެ ބަޔަކާ ބެހޭ ގޮތުންނެވެ. އެބައިމީހުން އެ ކަމާ ހިތް ނުތަނަސްވެ، ﷲ ގެ ނަޞްރު އައުން ލަސްވެގެން އުޅުނީއެވެ. ދެން މާތް ﷲ މި އާޔަތްތައް ބާވައިލައްވައި އެބައިމީހުންގެ ހިތްހަމަޖައްސަވައިދެއްވީއެވެ.] [ތަފްސީރުލް ވާޟިޙުލް މުޔައްސަރު. (ދިވެހި ތަރުޖަމާ)] މި ދެ އާޔަތުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި މުސްލިމުންނަކީ އެ މީހުންގެ ޙަޔާތުގައި ތަފާތު އެކިއެކި ބަލާއާއި މުޞީބާތް ކުރިމަތި ވާނޭ ބައެކެވެ. އެއީ އޭނާގެ އާޚިރަތް ބާއްޖަވެރިވެ، އަމާންވުމަށް ޓަކައެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. «مَا مِنْ مُصِيبَةٍ تُصِيبُ الْمُسْلِمَ إِلَّا كَفَّرَ اللهُ بِهَا عَنْهُ حَتَّى الشَّوْكَةِ يُشَاكُهَا» [البخاري: 5640] މާނައީ: [މުޞީބާތެއް ކުރިމަތި ވެ، އޭގެ ސަބަބުން ފާފަ ނުފުއްސެވޭނޭ މުސްލިމަކު ނުވެއެވެ. އެއީ އޭނާގެ ގަޔަށް ހެރޭ ކަށްޓެއްގެ ސަބަބުން ވިޔަސް މެއެވެ.] އަދިވެސް އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «إِنَّ عِظَمَ الجَزَاءِ مَعَ عِظَمِ البَلَاءِ، وَإِنَّ اللَّهَ إِذَا أَحَبَّ قَوْمًا ابْتَلَاهُمْ، فَمَنْ رَضِيَ فَلَهُ الرِّضَا، وَمَنْ سَخِطَ فَلَهُ السَّخَطُ» [الترمذي: 2396] މާނައީ: [ހަމަކަށަވަރުން މަތިވެރި ޖަޒާ ވަނީ ބޮޑުވެގެން ވާ ބަލާމުޞީބާތާ އެކުއެވެ. ހަމަކަށަވަރުން މާތް ﷲ ބަޔަކަށް ލޯބިވެވޮޑިގެންފި ނަމަ، އެ ބަޔަކަށް އިމްތިޙާނުތައް ޖައްސަވަތެވެ. ދެން އެ ކަންކަމަށް ރުހިޤަބޫލު ވެއްޖެ މީހާއާ މެދު އެކަލާނގެ ރުހިޤަބޫލު ވެވޮޑިގަންނަވައެވެ. އަދި އެ ކަންކަމާ މެދު ނުރުހި [ﷲގެ ޤަޟާއާ މެދު ރުޅިވެރި ވެއްޖެ] މީހާއާ މެދު އެކަލާނގެ ނުރުއްސަވާނެތެވެ.]
އެހެންކަމުން މުއުމިނުންނަށް ﷲ އަމުރު-ކުރައްވައިފައި ވަނީ މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ، އެ ކަމެއްގައި ﷲ އަށް ވަކީލުކޮށް ކެތްތެރި ވުމަށެވެ! އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ﴾ (التوبة: ٥١) މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަޅަމެންނަށް ލިޔުއްވައިފައި ވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި، ﷲ އަށް ވަކީލުކުރާ ހުށިކަމެވެ!]
މައުލޫމާތު: مُحَمَّد جَزْلَان عُمَر / ދީނުގެމަގު

