އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅާ “އަޅާލުން” ކެމްޕޭންގެ ދަށުން ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ 10 ފަރާތަކަށް ބްރިޖިންގ ދަ ކޮމިއުނިޓީސް އޮފް ދަ މޯލްޑިވްސްގެ (ބިސީއެމް) އިން ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ބިސީއެމުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޤާނޫނީ އެހީތެރިކަން ބޭނުންވާ 6 އަންހެނަކާއި ޞިއްޙީ ޚިދުމަތް ހޯދުމުގައި އިދާރީގޮތުން ގޮންޖެހުންތަކެއް ހުރެ އެހީތެރިކަމަށް އެދުނު 3 އަންހެނަކު ކަމަށްވެސް ބީސީއެމުން ބުނެއެވެ.
މިގެ އިތުރުން ނުކުޅެދުންތެރިކަން ހުރި ކުޑަ ކުއްޖެކާއި، ޤާނޫނީ އެހީތެރިކަން ބޭނުންވާ 6 އަންހެނުންގެ ތެރެއިން 2 އަންހެނަކަށް ވެސް ޝަރުޢީ މަރުޙަލާގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި 4 އަންހެނަކަށް ޤާނޫނީ ލަފާ ފޯރުކޮށްދެވިފައިވާ ކަމަށާއި، ގެވެށި އަނިޔާއާއި ވަރި އަދި ޙަޟާނާތާ ގުޅުންހުރި މައްސަލަތަކެއް ތަހައްމަލް ކުރަންޖެހިފައިވާ ބަޔަކަށްވެސް އެހީތެރިކަން ވަނީ ފޯރުކޮށްދީފައި ކަމަށް ބިސީއެމްއިން ބުނެފައި ވެއެވެ.
ބިސީއެމުން ބުނީ އެ ކެމްޕޭންގެ ދަށުން އެހީތެރިކަމަށް އެދޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ، އަނިޔާ ލިބެމުންދާ އަދި ރައްކާތެރިކަން ބޭނުންވާ އަންހެނުންނަށް އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހިލޭ ހަމަޖައްސައިދިނުމާއި، ޤާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމާއި، ކައުންސިލިންގގެ ޚިދުމަތް ހިލޭ ފޯރުކޮށްދިނުންވެސް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ވަކި ޖިންސެއްގެ މީހަކަށް ވީތީ ލިބޭ އަނިޔާއާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަސައްކަތްތަކެއް ވެސް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

