ސަދާ ސައުދުﷲ އަހުމަދު ނިޔާވި މައްސަލައިގައި ފުވައްމުލަކުސިޓީ ހޮސްޕިޓަލު އިހުމާލުވެފައިވާތީ އެ ހޮސްޕިޓަލް ކިބައިން މަދަނީ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް ދެ ދުވަހުގެ ފުރުސަތެއް ސިވިލް ކޯޓުން ދީފިއެވެ.
މި މައްސަލައާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނިންމާފައިވަނީ ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން ސަދާ މަރުވި ކަން ފެންނަން އޮތުމުން، އެކަމުގައި ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމުގެ ހައްގު އޮތް ކަމަށެވެ. ކަންމިހެން އޮތުމާއެކު ސަދާގެ އާއިލާ އިން ވަނީ ހެލްތު މިނިސްޓްރީއާ ދެކޮޅަށް ދައުވާކޮށް މަދަނީ ބަދަލު ހޯދަން އެދިފައެެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި، ސަދާގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު، މަރިޔަމް ޝުނާނާ ވިދާޅުވީ ދައުލަތުން އިންކާރު ނުކުރާނަމަ، ކޯޓުން ބޭރުގައި ވެސް ގެއްލުމުގެ ބަދަލު ހޯދުމުގެ މަޝްވަރާ ކުރަން އެންމެ ރަނގަޅު ކަމަށެވެ. ވަކީލުގެ މިހުށަހެޅުމާ އެއްގޮތަށް ކޯޓުން ބޭރުން މައްސަލަ ހައްލު ކުރެވިދާނެތޯ ބެލުމަށް އެޓަރނީ ޖެނެރަލް އޮފީހުގެ އިސްވެރިންނާ މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމަން ފުރުސަތު ދެއްވުމަށް އެޓަރނީ ޖެނެރަލް އޮފީހުގެ ވަކީލް އެދިވަޑައިގެންނެވިއެވެ.
އަދި މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ވަހީދު ވަނީ އެކަމަށް ދެ ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ.
2021 ވަނަ އަހަރު ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ފަސް އަހަރުގެ ސަދާ ސައުދުﷲ ކުއްލިގޮތަކަށް ނިޔާވުމުން ސޯޝަަލްމީޑިޔާގައިވެސް ގިިނަބަޔަކު ކަންބޮޑޫވުން ފާޅުކޮށް އަޑުއުފުލިއެވެ. ހޮސްޕިޓަލުން ބަލިމީހުންނާމެދު ކަންތައް ކުރާ ފަރުވާކުޑަ ގޮތާމެދު އެކިމީހުން ތަފާތު ހިޔާލުތައް ފާޅުކުރިއެވެ. ސަދާ ނިޔާވި ހާދިސާއަށް މާގިނަ ދުވަސްތަކެއް ނުވަނީސް އެހެން އަންހެން ކުއްޖަކު ނިިޔާވި މައްސަލައެއްވެސް އެދުވަސްތަކުތެރޭގައި ފެންމަތިވިއެވެ. .
ފުވައްމުލަކު ފުނާޑު، ނޫރިފެހި ގޭގެ އުމުރުން ހަ އަހަރުގެ ސަދާގެ ބަނޑުގައި ރިއްސައި، ވަރަށް ގަދައަށް ހޮޑުލާތީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެންމެ ފުރަތަމަ ގެންދިޔައީ ފުވައްމުލަކުގެ ފްލޫ ކްލިނިކަށެވެ. އެއީ ކޮވިޑްގެ އަލާމާތެއް ކަމަށް ބަލައި، ސަދާގެ ހާލަތު އިތުރަށް ގޯސްވާތީ ފްލޫ ކްލިނިކުން ސަދާ ފޮނުވާލީ ފުވައްމުލަކު ހޮސްޕިޓަލަށެވެ.
އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ސަދާ ނިޔާވީ 2021 އޮކްޓޯބަރު ތިން ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ޖެހި، އިންޖެކްޝަނެއްގެ ސަބަބުންނެވެ.
ސައުދުﷲ އަހުމަދު ކުރިން ވިދާޅުވި ގޮތުގައި އިންޖެކްޝަން ޖެހިތާ ފަސް މިނިޓް ތެރޭގައި ދަރިފުޅުގެ ހަރަކާތް ހުއްޓުނެވެ. އޭގެ ފަހުން ސީޕީއާރް ދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވެފައިވަނީ އެރޭ 19:08 ހާއިރުއެވެ.

