“އަޞްޙާބުލްޔަމީން” މިއީ ކޮން ބައެއް ކަން ދެނެގަންނަމާ ހިނގާށެވެ. އެއީ ޤިޔާމަތްދުވަހުން އެބައިމީހުންގެ ފަތް ކަނާއަތުން ލިބޭ މީހުންނެވެ. އެއީ ކުރިމަތިން ފަތް ލިބޭ މީހުންނެވެ. އެއީ ކާމިޔާބުގެ އަހުލުވެރީންނެވެ. އެ މީހުން އެ ފަތް ކިޔާނީ، ހިތްހަމަޖެހުމާއި އުފާވެރިކަމާ އެކުގައެވެ.
އެކަލާނގެ ވަޙީކުރައްވައިފައިވާ މި އާޔަތްތަކުގެ މާނައާ މެދު ވިސްނާ ފިކުރުކޮށްލާށެވެ. ((7) ފަހެ، އެ މީހެއްގެ ފަތް، އެ މީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! (8)ފަހެ، ލުއިފަސޭހަވެގެންވާ ހިސާބު ބެއްލެވުމަކުން، ނިކަންހުރެ އެ މީހަކާ މެދު ހިސާބު ބައްލަވާނެތެވެ. (9)އަދި އުފަލުން ހުރެ، އޭނާގެ އަހުލުވެރިންގެ ގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ. (الإنشقاق) އަދި އުފާވެރިކަމުން ފުރިގެންވާ ޙާލު އެ މީހުން ބުނާނެއެވެ. ﴿فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ﴾ (الحاقة: ١٩) މާނައީ: “ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! ފަހެ، އެ މީހާ ބުނާނެތެވެ. މި އޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ”!
ކަނާތްފަރާތުގެ މީހުންނާ މެދު އެކަލާނގެ ވާޙީކުރެއްވި ބަސްފުޅުތަކުގެ މާނައިގައިވެއެވެ. “(27)ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ (28)(އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ. (29)ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ. (30)އަދި ފެތުރިގެންވާ ހިޔަލުގައެވެ. (31)އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ. (32)އަދި ގިނަގުނަވެގެންވާ މޭވާތައް ވެސް މެއެވެ. (33)ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ. (34)އަދި އުފުލިގެންވާ ދާންތަކެވެ. (الواقعة)
ހަމައެހެންމެ، ކަނާއަތަށް ފަތް ލިބޭ މީހުން ސުވަރުގެ ވަންނާނީ އެކަނިމާއެކަންޏެއް ނޫނެވެ. މަލާއިކަތުން އެ މީހުންނަށް ތަހުނިޔާ ކިޔުއްވާނެތެވެ. އެކަލާނގެ ވާޙީކުރެއްވި މި އާޔަތްތަކުގެ މާނަ ނިކަން ބައްލަވާށެވެ. “(23)(އެއީ) ޢަދުނޭ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެންނާއި، އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބިންނާއި، އެއުރެންގެ ދަރިންކުރެ ޞާލިހުވި މީހުން ވަންނާނެތެވެ. އަދި އެ ތާނގެ ހުރިހާ ދޮރަކުން، މަލާއިކަތުން އެއުރެންގެ ގާތަށް ވެދެވަޑައިގަންނަވާނެތެވެ. (24)(އެ ބޭކަލުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށް ޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުށްޓެވެ. ފަހެ، އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ! (الرعد)
ދަންނާށެވެ! އެންމެ ހެޔޮ އެންމެ އަރާމު ދިރުއުޅުން އުޅޭނީ ހަމަ ސުވަރުގެ ވަންތަވެރީންނެވެ. އެބައިމީހުންނީ “އަޞްޙާބުލްޔަމީން”އެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ މި ބަސްފުޅުތަކުގެ މާނައާ މެދު ނަޒަރު ހިންގައިލާށެވެ. “(21)(ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (22)މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ. (23)އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. (24)(އަންގަވާނެތެވެ.) އަރާމުލިބެނިވި ގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުން ކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ. (الحاقة)
އަޞްޙާބުލްޔަމީން”ގެ ތެރޭގައިވުމަށް ޓަކައި ކުރެވޭނީ ކޮންކަމެއްތޯއެވެ؟ އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. ﴿ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ (١٧) أُولَٰئِكَ أَصْحَابُ الْمَيْمَنَةِ(١۸)﴾ (البلد) މާނައީ: “(17)ދެން އީމާންވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތްކޮށް، އަދި މީސްތަކުންނަށް ރަޙުމު ބެހެއްޓުމަށް އެކަކު އަނެކަކަށް ވަޞިއްޔަތްކޮށް އުޅުނު މީހުންގެ ތެރެއިން އޭނާ ވާނެތެވެ. (18)ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ.”
ދުޢާއަކީ “އަޞްޙާބުލްޔަމީން” ނުވަތަ ކަނާތްފަރާތުގެ މީހުންގެ ތެރޭގައި އަޅަމެން އެންމެން ލެއްވުމެވެ.
މައުލޫމާތު: مُحَمَّد سَمُوْح سَعِيْد / ދީނުގެމަގު

