އިންޑިއާއާއި ދިވެހިރާއްޖޭގެ، ގުޅުން ހީނަރުވެފައިވާ ކަމަށް ދެކެވުނަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިދައުރުގައި އިންޑިއާއާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވަމުންދަނީ އެއްވެސް ބަަޔަކު ހީކުރި ގޮތަކަށްނޫނެވެ. ވެރިކަން ބަދަލުވި އިރު މި ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ވެސް އިންޑިއާއާ އިތުރަށް ގުޅުން ބަދަހިކުރުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރުވަނީ ވިދާޅުވެފައެވެ. އޭގެ ހެއްކަކީ އެ މަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުކަމަށް ގިނަބަޔަކު ދެކެއެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށްވެސް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދެއްވި ދައުވަތަކަށް ރައީސް މުޢިއްޒާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އިންޑިއާއަށް ވަނީ ފުރާވަޑައިގެންފައެވެ. މިދަތުރުފުޅުގައި މެހުމާންދާރީއާއި އިންޑިއާއިން ބެހެއްޓެވެި ގާތްކަމުގެ ސަބަބުން މި ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަން ދޭހަވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ އެއްވެސް ގައުމެއް ބާކީކުރުމެއްނެތި، ހަމަހަމަކަމާއި އެކު ގުޅުންތައް ގާއިމް ކުރުމެވެ. އަދި އެއީ އެމަނިކުފާޏުގެ ރިޔާސީ ވައުދުފުޅެއްވެސް މެއެވެ.
އެމަނިކުފާނު ގެންދަަވަނީ ހަރުދަނާ ގޮތެއްގައި ޚާރިޖީ ސިޔާސަތު ބައްޓަންކޮށް، ތަންފީޒުކުރައްވަމުންނެވެ. ވަކި ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި، ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ހުރިހާ ޤައުމަކާއި އެކުވެސް އެމަނިކުފާނު ގެންދަވަނީ ގާތް ގުޅުންތަކެއް ބާއްވަވަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެމަނިކުފާނު ވަޑައިގަތުމުން ބައެއް ފަރާތްތަކުން ފާޑުކީ ނަމަވެސް، މީގެކުރިން ވެރިކަން ކުރެއްވި ހުރިހާ ރައީސުންވެސް ވަނީ އިންޑިއާއާއެކު ގާތް ގުޅުންތަކެއް ބާއްވާފައެވެ.
ރައީސް މައުމޫން، ރައީސް ނަޝީދު، ރައީސް ވަހީދު، ރައީސް ޔާމީން އައި ރައީސް ސާލިހުގެ ވެރިކަމުގައިވެސް އެކަން ހިނގާފައި އޮތީ އެ އުސޫލުންކަން ތާރީހުން ފެނެއެވެ. ކޮންމެ ބޭފުޅަކުވެސް ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާފައެވެ. އަދި އެ ޤައުމުގެ އެންމެ އިސްވެރިންނާއި ބައްދަލުކުރައްވާއި، އެކި ދާއިރާތަކުން ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އޮތީ މަސައްކަތްކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
އިންޑިއާއާއި ރާއްޖެއަކީ ހަތުރުންކަމަށް ދައްކަން ބަޔަކު މަސައްކަތްކުރިނަމަވެސް، އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ޤައުމެކެވެ. ދޭދޭ ޤައުމުތަކުގެ މެދުގައި ނުތަނަވަސްކަން އުފެދޭ ހާލަތްތައް މެދުވެރިވިނަމަވެސް. ހަރުދަނާ ސިޔާސީ ބޭފުޅުންނަކީ މަޝްވަރާގެ އުސޫލުން މައްސަލަތައް ހައްލުކުރައްވާ ބޭފުޅުންނެވެ.
އެގޮތުން އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް މިދިޔަ ވެރިކަމުގެ ދުވަސްވަރު އުފެދުނު ނުތަނަަވަސްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ނިމުމަކަށް ގެނެސްފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ޤައުމަށް ފޮނުވާލެއްވީ ދެ ޤައުމުގެ ދެމެދުގައި ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކަށްފަހުއެވެ. މިއީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލީޑަރޝިޕްގެ ހަރުދަނާކަން ހާމަވެގެންދިޔަ މަންޒަރެެކެވެ.
އެހެން ރައީސުންނާއި ޚިލާފަށް ރައީސް މުއިއްޒުއަކީ ވަކި ޤައުމަކަށް ނިސްބަތްކޮށް ބަދުބަސްތައް ވިދާޅުވާ ބޭފުޅެއް ނޫންކަން އެމަނިކުފާނު އެ ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ. ވަކި ޤައުމެއް ބާކީކޮށް، ވަކި ޤައުމެއް ގާތް ނުކުރައްވާނެކަންވެސް ދަނީ ސާބިތުކޮށްދެއްވަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމަކީ އެމަނިކުފާނުގެ ޝަހުސިއްޔަތުގެ ހަރުދަނާކަމާއި ދިވެހިރާއްޖޭގެ ޚާރިޖީ ސިިޔާސަތުގެ ކާމިޔާބީ ދައްކުވައިދޭ މިސާލެކެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތް ދުވަހު ވިދާޅުވި ފަދައިން، އެއްވެސް ޤައުމަކާމެދު ހަސަދަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް ނުބާއްވާނެކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވައުދު ފުއްދަވަމުންދާކަމުގެ އަލި ގަދަ ހެއްކެކެވެ.

