މިފަދަ ޕްލޭނެއް ކަނޑައަޅަން ނިންމާފައިވަނީ މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމެންޓުން އިސްނަގައިގެންނެވެ.
"ނެޝެނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގް އެންޑް ރެސްޕޮންޑިންގް ޓު ވައިލެންސް އެގައިންސްޓް ޗިލްޑްރެން" ވެލިޑޭޓް ކުރުމަށްޓަކައި 2 ދުވަހުގެ ޓެކްނިކަލް ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔައީ ޖޫން މަހުގެ 9 ވަނަ ދުވަހުން 10 ވަނަ ދުވަހަށް ބަނޑޮސް މޯލްޑިވްސްގައެވެ.
މި ސެޝަންތަކުގައި ކަމާ ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާ، އިދާރާތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން ކުޑަކުދިންގެ ރަޢުޔު ހޯދުމަށްޓަކައި ސްކޫލް ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.
ނެޝެނަލް އެކްޝަން ޕްލޭން އެކުލަވާލުމަށް ކުރިއަށް ގެންދިޔަ މި މަޝްވަރާތަކުގައި، މިހާރު މިކަމުގައި ހުރި ގިނަ ގޮންޖެހުންތައް ފާހަގަކޮށް، ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރުމުގައި ހުރި ޤާނޫނީ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި މުއައްސަސާތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާ، ވަސީލަތްތައް ލިބުމުގެ ދަތިކަމާ، ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ ޒިންމާތައް ހަމަހަމަކުރުމުގައި ހުރި ގޮންޖެހުންތަކާއި، ރައްކާތެރިކަމުގެ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަމަށް ވެސް މި މަޝްވަރާތަކުގައި ވަނީ އަލިއަޅުވާލެވިފައެވެ.
ދެ ދުވަހަށް ކުރިއަށްދިޔަ މި ޓެކްނިކަލް ސެޝަންތަކުގައި ކުރެވުނު މަޝްވަރާތަކަކީ ނަތީޖާއަށް ބިނާކުރެވިގެން ކުރެވުނު މަޝްވަރާތަކެއް ކަމަށް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމެންޓް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި ރައްދުދިނުމުގައި ވަށާޖެހޭ ހައްލެއް ކަށަވަރުކޮށްދީ، ކުޑަކުދިން ރައްކާތެރިކުރުމުގެ އެންމެހާ ދާއިރާތައް އެކްޝަން ޕްލޭންގައި ހިމެނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ވަނީ ނިންމާފައި ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

