ވިޔަފާރީގައި މަކަރުހެދުމާއި އޮޅުވައިލުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވެސް އާންމު ކަމެކެވެ. އޮޅުވައިލައިގެން މީސްތަކުންގެ އަތުން ފައިސާ ހޯދުމާއި، ޖެހުނު ކޮންމެ ގޮތަކުން އަނެކާގެ މުދަލަށް ވެރިވެގަތުން ފަދަ ކަންކަން އެކި ގޮތްގޮތަށް ހިނގައެވެ. ވިޔަފާރީގައި އޮޅުވައިލުމާއި މަކަރުހެދުމުގެ ތެރެއިން ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ، މުދަލުގެ މަރުކާ އޮޅުވައިލައި، އެކި ބްރޭންޑްތަކުގެ ލޭބަލްގައި، އަސްލު ނޫން މުދާ ގެނެސް ވިއްކުމެވެ. މި ކަމަކީ ރާއްޖޭގެ ނަންމަޝްހޫރު ޝޮޕިންގ ސެންޓަރުތަކުގައި ވެސް ވަރަށް އާންމު ކަމެކެވެ. ކޮސްމެޓިކްސްގެ ބާވަތްތަކާއި، ބަދިގޭ ސާމާނާއި އެކި ބާވަތްބާވަތުގެ ކަރަންޓު މެޝިންތަކާއި، އަންނައުނާއި ބޫޓާއި އަދި މި ނޫނަސް އަގުބޮޑެތި އެކިއެކި މަރުކާތަކުގެ ލޭބަލް ހައްދައި، އޭގެ އަސްލު ނޫން މުދަލުގައި އެ ލޭބަލްތައް ޖަހައިގެން ވިއްކުންވަނީ އާންމުވެފައެވެ.
ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން މި ކަމާ މެދު، އަޅާ ފިޔަވަޅެއް، އަދި މި ކަން ހުއްޓުވުމަށް ކުރެވޭ އެއްވެސް މަސެއްކަތެއް ނެތެވެ. ވިޔަފާރީގައި ތެދުވެރިވުމަށް އިސްލާމްދީން ނުހަނު ބާރު އަޅުއްވައެވެ. މީސްތަކުންނަށް އޮޅުވައިލައިގެން އެބައިމީހުންގެ މުދާ ނުޙައްޤުން ކެއުން ނަހީކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ﴾ (البقرة: ١٨٨) މާނައީ: “އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލު ގޮތުގައި ނުކާށެވެ!” މުދަލުގެ އަސްލު އޮޅުވައިލައި ނުވަތަ ރަނގަޅު ބާވަތްތަކާއި ރަނގަޅު ނޫން، ދަށް ފެންވަރުގެ ބާވަތްތައް އޮޅުވައިލުމަކީ ވިޔަފާރީގައި މަކަރުހެދުމެވެ. މިފަދައިން ޢަމަލުކުރުމަކީ ވިޔަފާރީގެ ބަރަކާތް ކެނޑިގެންދާ ކަމެކެވެ. އަދި އިޖްތިމާޢީ އެތައް މައްސަލަތަކެއް އުފެދޭ ކަމެކެވެ.
ވިޔަފާރީގައި ތެދުވެރިވުމަށް ބާރުއަޅުއްވައި ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ވިޔަފާރިކުރާ ދެ މީހުންމެ ވަނީ، އެ ދެ މީހުން ވަކިވެދިޔުމުގެ ކުރީގައި ވިޔަފާރި ޢަޤުދުކުރުމާއި، ވިޔަފާރި ރޫޅައިލުމުގައި އިޚްތިޔާރު ލިބިގެންނެވެ. ފަހެ، އެ ދެ މީހުން، އެކަކު އަނެކަކަށް ތެދުވެރިވެ، ޙަޤީޤަތް ހާމަކޮށްފި ކަމުގައިވާ ނަމަ، އެ ދެ މީހުންގެ ވިޔަފާރީގައި ބަރަކާތްލެއްވޭ ހުއްޓެވެ. އަދި އެ ދެ މީހުން، އެކަކު އަނެކަކަށް އޮޅުވައިލައި، މަކަރާއި ހީލަތް ހަދައިފި ނަމަ، އެ ދެ މީހުންގެ ވިޔަފާރީގެ ބަރަކާތް ނިގުޅައިގަނެވޭ ހުއްޓެވެ.” (رواه البخاري ومسلم)
އެއްފަހަރަކު، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގޮދަން ފުންޏެއްގެ ކައިރިން ވަޑައިގެންނެވިއެވެ. ދެން އެ ގޮދަން ފުނީގެ ތެރެއަށް އެކަލޭގެފާނުގެ އަތްޕުޅު ލެއްވިއެވެ. އެހިނދު، އެކަލޭގެފާނުގެ އިނގިލިފުޅުތަކަށް ތެތްކަމެއް އިޙުސާސް ކުރެއްވުމުން ޙަދީޘްކުރެއްވިއެވެ. “އޭ ގޮދަން ވިއްކާ މީހާއެވެ! މިއީ ކޮން ކަމެއް ހެއްޔެވެ؟” އޭނާ ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ވާރޭވެހުނީއެވެ.” އެހިނދު ޙަދީޘްކުރެއްވިއެވެ. “އެހެންކަމުގައިވާ ނަމަ، އެ ތެމިފައި ހުރި އޮށްޓަރުތައް ސަލާމަތުން ހުރި އޮށްޓަރުތަކުގެ މަތީގައި ފެންނާނޭހެން ތިބާ ނުބެހެއްޓީ ކީއްވެ ހެއްޔެވެ؟ ތިމަންމެން (މުސްލިމުންނަށް) އޮޅުވައިލައިފި މީހަކީ، ތިމަންމެން (މުސްލިމުން)ގެ ތެރެއިންވާ މީހެއް ނޫނެވެ.” (رواه مسلم)
ވިޔަފާރީގައި މަކަރާއި ހީލަތްހެދުމަކީ ފިތުނަ ފަސާދަ އުފެދޭ ކަމެކެވެ. މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ނެތިކޮށްލާ މިފަދަ ޢަމަލުތަކުން އަޅުގަނޑުމެންގެ މި އިސްލާމީ މުޖްތަމަޢު ރައްކައުތެރިކުރުމަކީ އެންމެގެން މަސްއޫލިއްޔަތެކެވެ.
މައުލޫމާތު: الشَّيْخ حَسَن مُوسَى فِكْرِيد / ދީނުގެމަގު

