ދުންފަތުގެ އިސްތިއުމާލު ކުރުމަކީ "ގަޓު ކަމެއް" ނުވަތަ ހިތްވަރުގަދަ ކަމެއް ނޫންކަން އަދުގެ ޒުވާން ޖީލަށް ވިސްނައިދޭން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ރޭ ނ. މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެންމެ އަށް އަހަރުގައި ދުންފަތުގެ އިސްތިއުމާލު ނުވަތަ ވޭޕް ބޭނުން ކުރާ ފަށާކަން މިހާރު ތަފާސްހިސާބުން ދައްކާ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެ ޒާތުގެ ކަންކަމަކީ އިންސާނުން ހަށިގަނޑަށް ގެއްލުންވާ ކަމެެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަމަށް ހޭލުންތެރިކުރުމަށް އަބަދުވެސް އެ ވާހަކަދައްކަން ވެއްޖެކަމަށެވެ.
"އެބަ އެނގޭ ސިނގިރޭޓު ބޯ މީހެއްގެ ފަރާތުން އެ އަންނަ ދުމުން ވެސް އަޅުގަނޑުމެންގެ ހަށިގަނޑަށް ގެއްލުންވާކަން. މީ ދިރާސާތަކުން ދައްކާ ވާހަކަތައް. ދައްކާ ޙަގީގަތްތައް. ހަމައެކަނި ސިނގިރޭޓެއް ބުއިމެއް ނޫން އޭގެ ދުން އަޅުގަނޑުމެން ނޭފަތަށް ފޯރިއަސް ހަށިގަނޑަށް ގެއްލުންތައް ދޭ،" މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން، ދުންފަތުގެ އިސްތިއުމާލުން ރައްކާތެރިކުރުމަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ވަރަށް ސަމާލުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން، ބެލެނިވެރިންނަށް ވާހަކަ ބުނެވޭ ގޮތުން ވެސް ސިނގިރޭޓު ބުއިމަށް މަގުފަހިވާކަން ޚަލީލް ފާހަގަކުރެއްވިއެވެ.
މި ނުބައި ވަބާއިން ދުރުވުމަކީ ސިއްހަތަށް ކޮށްދެވޭ ފައިދާއެއްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ އަހަރެއްގެ މައްޗަށް ސިނގިރޭޓު ގަތުމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރާކަން ރާއްޖޭގެ ހިސާބުތަކުން ދައްކާ ކަމަށެވެ.
މީގެއިތުރުން، ދުންފަތުގެ އިސްތިއުމާލުން ސަލާމަތްކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި، އަދުގެ ޖީލަށް މިކަމުގެ ނުރައްކާތެރިކަން ވިސްނައިދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސިނގިރޭޓު ބުއިމަކީ ނުވަތަ ޝީޝާ ބުއިމަކީ މިއީ އެއްގޮތަކަށް ވެސް ހިތްވަރު ހުރި ކަމެއް ނޫން. މީ އެއްގޮތަކަށް ވެސް ގަޓު ކަމެއް ނޫން. އަމިއްލަ ނަފުސު ބިނާކުރަން، އަޅުގަނޑުމެން މުޖުތަމައު ތެރެއަށް ނިކުމެ އަޅުގަނޑުމެންނަކީ ހައިބަތު ހުރި މީހަކަށް ވާން ކުރާ މަސައްކަތް އެއީ ގަޓު މަސައްކަތަކީ،" އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓު އެތެރެކުރާ ކަމަށާއި، އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން މަރުވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ ކުޑަކުދިންގެ ނިސްބަތް ވެސް އިތުރެވެ. އެގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކުޑަކުދިންގެ 45.7 އިންސައްތަ ކުދިން ދުންފަތުގެ އިސްތިއުމާލުކުރެއެވެ.

