ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުތެރޭ 40 މީހަކު ޝަހީދުކޮށްލުމުން، މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 37،124 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނިރުބަވެރި އިސްރާއީލުން ވަނީ ފާއިތުވި 24 ގަޑިއިރު ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާތަކެއްދީ 40 މީހަކު ޝަހީދުކޮށްލައި، 218 މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފައެވެ.
މިއާއެކު މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 37،124 އަށް އަރާފައެވެ. އަދި ޒަހަމްކޮށްލި މީހުންގެ އަދަދު ވަނީ 84،712 އަށް އަރާފައެވެ.
ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކަކީ ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް ދެމުން އަންނަ ހަމަލާތަކެއް ކަމަށް އިސްރާއީލުން ބުނި ނަމަވެސް މި ހަމަލާތަކުގައި އެންމެ ގިނައިން ޝަހީދުވެފައިވަނީ ޣައްޒާގެ ކުޑަކުދިން، އަންހެނުން، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުށެއް ނެތް އާންމު ރައްޔިތުން ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.
އަދި މި ހަނގުރާމަ މުޅި ދުނިޔެއަށް ދެއްކުމަށްޓަކައި، ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ އެތަކެއް މީޑިއާތަކެއްގެ 100 އަށްވުރެ ގިނަ ނޫސްވެރިން ވެސް ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
ނިރުބަވެރިން ހަމަލާތައް ދެމުން އަންނަ ސަރަހައްދުތަކުގެ ތެރޭގައި ޣައްޒާގެ އާންމުން ދިރިއުޅޭ ގެތައް، ރެފިއުޖީ ކޭމްޕްތައް، ސްކޫލްތައް އަދި ހޮސްޕިޓަލް ފަދަ ތަންތަން ހިމެނެއެވެ.
އިޒްރޭލުގެ މިހަމަލާތަކަކީ އައިސީޖޭއިން ވަގުތުން ހުއްޓާލުމަށް ތަކުރާރުކޮށް އަމުރު ނެރެފައިވަނިކޮށް ކުރިއަށް ގެންދާ ހަމަލާތަކަކަށްވާއިރު، އިޒްރޭލާ ރަހުމަތްތެރި އެމެރިކާއިން ދަނީ އެގައުމަށް އަސްކަރީ އެހީތެރިކަން ދެމުންނެވެ.

