އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ ގޮތަށް ދެޤައުމުގެ ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ އެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ބޮޑުވަޒީރު މޯދީގެ ޚާއްޞަ ދަޢުވަތަކަށް ރައީސް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށްވެސް ކާމިޔާބު ދަތުރުފުޅެއް ކަމަށް ސިފަކުރައްވާފައެވެ. އަދި މިއީ ރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއް ކަމަށް ވިދާޅުވަމުން ރައީސް ވަނީ، ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތުދެއްވީތީ އުފާކުރައްވާ ކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ، ރައީސާ ދުރޫޕަދީ މުރްމޫއާއި، އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ބައްދަލުކުރައްވާފައެވެ. ރައީސް ވިދާޅުވީ އެ ބައްދަލުކުރެއްވުންތަކުގެ ސަބަބުން ކުރިއަށްވުރެވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.
“މިދަތުރަކީ ދިވެހިރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރެއް. އަދި އަޅުގަނޑުމެންގެ ސަރަހައްދަށްވެސް އިރާދަކުރެއްވީތީ ވަރަށް ރަނގަޅު ދަތުރެއް. ވަރަށް އުފާކުރަން އަޅުގަނޑަށް މި ދައުވަތު ދެއްވިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް. އަދި މިދަތުރުގައި އާދެވި މިކަމުގައި ބައިވެރިވެވި ބައްދަލުކުރެއްވުންތަކަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ރާއްޖެއަށް ފަހިވެގެންދާނެ ކަމަށެވެ. އެގޮތުން ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތަށް ދެޤައުމުގެ ގުޅުން ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި ދެޤައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް އިރާދަކުރެއްވިއްޔާ ކަންކަން ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރަން. ރާއްޖެއަށް އެންމެ ރަނގަޅުގޮތް، ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ލިބޭ ގޮތަށް އަޅުގަނޑުމެން ދެޤައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ.” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިންޑިއާއަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެން އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުން ފެނުނީ ދެޤައުމުގެ ގުޅުމަށް ހީނަރުކަމެއް ނައިސް އެގޮތުގައި ދެމި އޮތްކަމެވެ. އަދި ކުރެއްވި މަޝްވަރާތަކުން އިތުރަށް ގުޅުން ބަދަހިވެގެން ދިޔަކަން މި ދަތުރުފުޅުން ވަނީ ހާމަވެފައެވެ.

