ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނާ އެކު، ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަށް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެކުލަވައިލި ކެބިނެޓުގައި ވެސް އެސްޓާނަލް އެފެއާޒް މިނިސްޓަރުކަމުގެ މަގާމު ފުރުއްވާ ޖައިޝަންކަރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އޭނާ އަށް ލިބިފައިވާ ތަޖުރިބާ އާއި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ރައީސް މުއިއްޒާ އެކު ވަރަށް ރަނގަޅު ބައްދަލުވުމެއް ބޭއްވެވި ކަމަށެވެ.
އިންޑިއާ އިން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ އަވަށްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުން ރަނގަޅު ކުރުމަށް ކަމަށް ވެސް ޖައިޝަންކަރު މިއަދު ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ކަމަށް ތިންވަނަ ދައުރަކަށް މިދިޔަ އާދިއްތަ ދުވަހު ހުވާކުރެއްވި ނަރެންދުރަ މޯދީ އެކުލަވައިލި އާ ސަރުކާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ކަމުގެ ހުވާ ޖައިޝަންކަރު ވެސް އިއްޔެ ވަނީ ކުރައްވައިފަ އެވެ. އޭނާ އަކީ މޯދީގެ މިދިޔަ ދައުރުގައި ވެސް އެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ.
އެ މަގާމުގައި ހުންނަވާ ތިން ފަހަރެއްގެ މަތިން އޭނާ ރާއްޖެ އަށް ވެސް ވަޑައިގަތެވެ.
ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގެންނެވީ މޯދީގެ ހާއްސަ ދައުވަތަކަށެވެ. މިއީ ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅާ އެކު، ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.
މޯދީ މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް ދެއްވި ބެންކުއެޓްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެ ރިސެޕްޝަންގައި ބޮޑުވަޒީރު މޯދީގެ އެންމެ އަރިހުގައި ހުންނެވި އެއްބޭފުޅަކީ ވެސް ރައީސް މުއިއްޒެވެ. ދެން ހުންނެވީ ސްރީ ލަންކާގެ ރައީސް ރަނިލް އެވެ.
ބޮޑުވަޒީރު މޯދީ މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު މިއަދު ހެނދުނު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

