މަތީ ތަޢުލީމު ޙާސިލް ކުރަމުންދާ 15 ދަރިވަރަކަށް އެހީވުމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އިން ނިންމައިފިއެވެ.
“ޗައިނީސް އެންބެސެޑަރ ބަރސަރީ” ޕްރޮގުރާމުގެ ދަށުން މަތީ ތަޢުލީމު ޙާސިލް ކުރަމުންދާ ދިވެހިންނަށް އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
ދަރިވަރުންނަށް އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ޗައިނާއިން އަބަދުވެސް ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް އެހީތައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެކި ދާއިރާތަކުން ޗައިނާގައި މަތީ ތަޢުލީމު ހާސިލް ކުރުމަށް ދިވެހިންނަށް ފަހިކޮށްދެއްވި ސްކޮލަރޝިޕްގެ ފުރުޞަތުތައް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރަން ޗައިނާއިން ވެދެއްވާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން “ޗައިނީސް އެންބެސެޑަރ ބަރސަރީ” ޕްރޮގުރާމުގެ ދަށުން ރާއްޖޭގައި މަތީ ތަޢުލީމު ޙާސިލް ކުރަމުންދާ ދަރިވަރުންނަށް ވެދެއްވި ފައިސާގެ އެހީތެރިކަން ވަޒީރު ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
“ޗައިނީސް އެމްބެސެޑަރ ބާސަރީ” ޕްރޮގުރާމުގެ ދަށުން މި ވެދެއްވި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. މި އެހީގެ ސަބަބުން ރަށްރަށުން މާލެ އައިސް ކިޔަވާ ކުދިންނަށް މާލީ ގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ” ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޝިން ވިދާޅުވީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް އެހީވެވެން އޮތް މިންވަރަކުން އެހީވުމަށް އަބަދުވެސް ބައްލަވާ ކަމަށެވެ.
ސަފީރު ވިދާޅުވީ ގިނަ އަދަދެއްގެ ކުދިން މާލެއަށް ކިޔަވަން އައިސް ހުރުމާއި ކެއުމުގެ ޚަރަދުތަކާއި ޓިއުޝަން ފީތަކުގެ ޚަރަދުތައް ދައްކަން ވަރަށް ބުރަކޮށް ވަޒީފާ އަދާކުރަމުންދާ ކަމަށެވެ. އަދި މީގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ ކަމަށާއި ބާސަރީ ޕްރޮގުރާމުގެ ބޭނުމަކީ މިފަދަ ކުދިންނަށް މާލީ ގޮތުން ލުއި ގޮތްތަކެއް ހޯދައިދިނުންކަން ސަފީރު ފާހަގަކުރެއްވިއެވެ.
“ބާސަރީ ޕްރޮގުރާމެއް އަޅުގަނޑުމެން ފެށުމުގެ މަޤުޞަދަކީ ކިޔަވަމުން ބުރަކޮށް ވަޒީފާތަކުގައި މަސައްކަތްކުރަމުންދާ ދަރިވަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުން” ސަފީރު ވަންގ ލިޝީން ވިދާޅުވިއެވެ.
ބާސަރީއަކީ މަތީ ތަޢުލީމުދޭ އިދާރާތަކުގައި ތަޢުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް މާލީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެހީވުމެވެ. އެގޮތުން މިފަހަރުގެ ޗައިނީޒް އެމްބެސެޑަރ ބާސަރީ ޕްރޮގުރާމުގެ ދަށުން މަތީ ތަޢުލީމު ޙާސިލްކުރަމުންދާ 15 ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމާފައެވެ. އެގޮތުން އެހީ ފޯރުކޮށްދޭނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 15 ދަރިވަރަކަށެވެ. އަދި އެހީއަށް އެދުމަށް އެ ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ ޝަރުޠު ހަމަވާ 15 ދަރިވަރުންނަށް ޗައިނާ އެމްބަސީގެ މި އެހީ ލިބޭނެ ކަމަށެވެ. އެގޮތުން އެހީގެ ގޮތުގައި ކޮންމެ ދަރިވަރަކަށް ޖުމްލަ 10،000 ރުފިޔާ ލިބޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެހީ ދެވޭ ކުދިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް:
• މާލީ ދަތިކަމުގެ ސަބަބުން ތަޢުލީމު ހާޞިލު ކުރުމަށް ދަތިވުން
• އޯ ލެވެލްއާއި އޭ ލެވެލްގައި އިސްލާމާއި ދިވެހި ހިމެނޭހެން 4 މާއްދާއިން ފާސްވެފައިވުން
• ޑިޕްލޮމާއިން މަތީގެ ހުރިހާ ސެމިސްޓަރއެއްގައި 3.0-3.5 ޖީ.ޕީ.އޭއާ ދެމުދެގެ ނަތީޖާއެއް ލިބިފައިވުން
• ސްކޮލަރޝިޕެއް ނުވަތަ ކިޔެވުމައްޓަކައި އެއްވެސް މާލީ އެހީއެއް ލިބޭ ދަރިވަރަކަށް ނުވުން
ދަރިވަރުންނަށް ފައިސާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ޗައިނާ އެމްބަސީގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ވަންގ ލިޝިންއެވެ. ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރެވެ.
މިދިޔަ އަހަރުވެސް ޗައިނީސް އެމްބެސެޑަރ ބާސަރީ ޕްރޮގުރާމުގެ ދަށުން ދަރިވަރުންތަކަކަށް ވަނީ އެހީ ދީފައެވެ. އެފަހަރު ޤައުމީ ޔުނިވަރސިޓީގެ 10 ދަރިވަރަކަށް އެހީ ދީފައިވެއެވެ.

