ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ “ޑޭ އޮފް ޕްލޭ” ފިޔަވަތީގައި ފާހަގަ ކޮށްފިއެވެ.
ބައިނަލްއަޤްވާމީ “ޑޭ އޮފް ޕްލޭ” ނުވަތަ ކުޅުމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ކުރިއަށްދިޔައީ 11 ޖޫން ގައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެ ހަރަކާތް ކުރިއަށްގެންދިޔައީ ޔުނިސެފް މޯލްޑިވްސްއާއި އެ ވުޒާރާ ގުޅިގެން ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ކަމަށާއި، ޚާއްސަ ހަރަކާތްތަކާއި އެކު ދެ ސެޝަނެއް ބަހާލާއިގެން ވަނީ ކުރިއަށްގެން ގޮސްފައި ކަމަށެވެ.
މިގޮތުން ކުރިއަށްދިޔަ މި ހަރަކާތުގައި ކުޅިވަރުގެ މިފަދަ ހަރަކާތްތަކުގެ ތެރެއިން ކުދިންނަށް ދަސްވާ އިޖުތިމާޢީ ހުނަރުތަކަކީ ދިރިއުޅުމުގައި އެކުދިން ބޭނުންކުރާނެ މުހިންމު ހުނަރުތަކެއް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. އަދި އެހެން ކުދިންނާއި ގުޅިގެން އުޅުމާއި، ދިމާވާ މައްސަލަތައް ހައްލުކުރަން ދަސްކުރުމާއި އަދި އެކުވެރިކަމާއި، އެހީތެރިކަމުގެ މުހިންމުކަން ފަދަ ހަރަކާތްތަކުން ކުދިންނަށް ދަސްވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ދެ ދަންފަޅިއަށް ކުރިއަށްގެންދެވުނު އެ ސެޝަންތަކުގައި ފިޔަވަތީގައި ތިބި އެކި އުމުރުގެ ހުރިހާ ކުދިން ވަނީ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތުދީފައި ކަމަށެވެ.
މިއި ކުދިންނަށް ވަރަށް އުފާވެރި، މަޖާ ވަގުތުތަކެއް ހޭދަކުރެވުނު ހަރަކާތެއް ކަމަށްވެސް ބުނެފައިވެއެވެ.

