ފުރިހަމަޔަށް ތައްޔާރު ވުމަށް ފަހު ވެމްކޯއިން ތިނަދޫ ސިޓީގެ ގޭގެއިން ކުނި ނެގުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މިއަދު ހެނދުން ރަސްމީކޮށް ފެށި މި މަސައްކަތާ ބެހޭގޮތުން "ހުވަދޫ މީޑިއާ" އަށް އަށް މައުލޫމާތު ދެއްވަމުން ވެމްކޯ ތިނަދޫ މެނޭޖަރ މުހައްމަދު ޖާވިދު ވިދާޅުވީ މިއަދު ތިނަދޫ ސިޓީގައި ފެށިގެން ދިޔައީ ގޭގެޔާއި ފިހާރަ އަދި އޮފީސް ތަކުގެ ކުނި ނަގައި ދިނުން ކަމަށާއި އެގޮތުން 400 އަށް ވުރެ ގިނަ ފަރާތުގެ ރަޖިސްޓްރޭޝަން ހެދިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ވެމްކޯ އިން މި މަސައްކަތް ފެށުމާއެކު ސިޓީ ކައުންސިލުން ދެމުން ދިޔަ ކުނި ނެގުމުގެ މަސައްކަތް މިއަދު ފެށިގެން ހުއްޓުނީ ކަމަށާއި ކައުންސިލުން އެ ޚިދުމަތް ހޯދަމުން ދިޔަ ހުރިހާ ފަރާތެއް ވެސް މިހާރު ވާނީ ވެމްކޯ ގެ ދަފްތަރަށް އިތުރު ކުރެވިފައި ކަމަށެވެ.
ޖާވިދު ވިދާޅުވީ ތިނަދޫ އިން ކުނި ނެގުމުގެ ޚިދުމަތް މިއަދު ފެށި ނަމަވެސް ކުރިޔަށް އޮތް 30 ދުވަހު އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި އޭގެ ފަހުގައި ކޮންމެ މަހަކު 150 ރުފިޔާގެ ފީއެއް ނަގާނެ ކަމަށެވެ.
ވެމްކޯއިން ތިނަދޫ ސިޓީގައި ކުނި މެނޭޖް ކުރުމުގައި އެކި ދާއިރާ ތަކުގައި 115 މުވައްޒަފުން ހަރަކާތްތެރި ވާއިރު ކުނި ނެގުމުގައި އެކަމަށް ޚާއްޞަ ވެހިކަލް ތަކާއި ތަމްރީނު ދެވިފައިވާ މުވައްޒަފުން ހަރަކާތްތެރިވެއެވެ.

ތިނަދޫ ސިޓީގެ ގޭގެއިން ކުނި ނެގުމުގެ މަސައްކަތް މިއަދު ފެށުން/ފޮޓޯ ވެމްކޯ
ތިނަދޫ ސިޓީގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ސަރުކާރުގެ ކުންފުނި ،ވެމްކޯއިން ބުނީ ތިނަދޫގެ ކުނި ކޮށި އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8ން ރޭގަނޑު 11 އަށް ކަމަށާއި އެހެނިހެން ގަޑި ތަކުގައި އާންމު ފަރާތަކުން ކުނި ކޮއްޓަށް ކުނި އުކާލުމަށް ވަނުން ވެސް މަނާ ވާނެ ކަމަށެވެ.
ވެމްކޯއިން ތިނަދޫ ސިޓީގައި ކުނި ނެގުމުގެ ޚިދުމަތް ހަފްތާގެ ހުރިހާ ދުވަހެއްގައި ހެނދުން 8:30 ހުން ފެށިގެން ދެމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިއަދު ތިނަދޫގައި ވެމްކޯގެ ހިދުމަތް ތައާރަފްކުރެވުނުއިރު، ވެމްކޯއިން ވަނީ ކުޅުދުއްފުށި ސިޓީގައިވެސް ކުނި ނެގުމުގެ ހިދުމަތް ފަށާފައެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގައި މި ހިދުމަތްފެށި އިއްޔެއެވެ.
ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް ކުނި ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 108 ރުފިޔާ ގޭޓްފީއެއް ނެގުމަށް ނިންމާފައިވާ ކަމަށްވެސް ވެމްކޯއިން ބުނެއެވެ.
މީގެ އިތުރުން ވިޔަފާރިތަކާ ސަރުކާރު މުއައްސަސާތަކަށް ކުނި އުކައިދިނުމަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މިގޮތުން ވެމްކޯއިން ހަމަޖައްސާފައިވާ އަގުތަކަކީ ވިޔަފާރިތަކުން ލީޓަރަކަށް 0.16 ރ. ގޭބިސީތަކުން 150 ރ. ސަރުކާރުގެ މުއައްސަސާތަކުން ލީޓަރަކަށް 1.27 ރ، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، މުއައްސަސާތަކުން ޓްރާންސްފާރ ސްޓޭޝަންއަށް ކުނި ގެންނަނަމަ ކިލޯއަކަށް އަގުކުރެވޭނީ 2.66 ރ. ގެ ރޭޓުން ކަމަށެވެ.
މި ހިނގާ ޖޫން މަހު ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުނިމެނޭޖް ކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ. މީގެ ކުރިން ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަހީދު އިބްރާހިމް ވިދާޅުވީ މި މަހުގެ ތެރޭގައި ގދ. ތިނަދޫ، ހދ. ކުޅުދުއްފުށީގެ އިތުރުން ކ. އަތޮޅުގެ ތިން ރަށެއްގައި ވެމްކޯގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން މިއަދު މި ކުރިއަށް ދިޔައީ ވެމްކޯ ކުރިއެރުވުމަށްޓަކާ މީގެ 9 އަހަރު ކުރިން ފެށި މަސައްކަތުގެ ނަތީޖާއެވެ. ވެމްކޯ ބުނީ ހަމައެކަނި އެ ކުންފުނިން މަސައްކަތް ކޮށްގެން ކާމިޔާބީއާ ހަމަޔަށް ނުދެވޭނެ ކަމަށާއި، މުޅި ރަށުގެ ރައްޔިތުންގެ އެއްބާރުލުންވެސް މި މަސައްކަތުގައި ބޭނުންވާނެ ކަމަށެވެ.

