މާލޭ ސިޓީ ކައުންސިލުން މަސްވެރިންގެ ސަރަހައްދު ޗެކުކޮށް ހުއްދަ ނުނަގާ އަޅާފައި އޮޑިފަހަރުގައި ސްޓިކަރ ޖަހަން ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލުން ފޭސްބުކްގައި ހިއްސާ ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ސިޓީ ކައުންސިލުން ބުނީ މަސްވެރިންގެ ސަރަހައްދު ޗެކް ކޮށް ހުއްދަ ނުނަގައި އެތަނުގައި އަޅާފައި ހުރި އޮޑިފަހަރުގައި ސްޓިކަރ ޖަހަމުންދާ ކަމުގައެވެ.
މަސްވެރިންގެ ސަރަހައްދުގައި އެތަކެއް ގިނަ އުޅަނދު ފަހަރެއް އަޅާފައިވާއިރު އޭގެ ތެރޭގައި ފާހަގަ ކުރެވޭ ވަރަށް ގަވާއިދާ ހިލާފަށް އޮޑިފަހަރު އަޅާފައި ހުރުމަކީ ބައެއް މަސްދޯނި ފަހަރުތަކުން އަބަދުވެސް ޖައްސާ މައްސަލައެކެވެ. އަދި މިފަދަ އުޅަނދުތައް ހުރިތޯ ޗެކްކޮށް ބަލައި، އެފަދަ އޮޑިދޯނި ފަހަރުތަކުގައި ސްޓިކަރ ޖެހުމަކީ މީގެ ކުރިންވެސް ކުރާ ކަމެކެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވަން މަސައްކަތް ކުރިނަމަވެސް އަދި ސިޓީކައުންސިލުން އެއްވެސް މައުލޫމާތެއް ނުވަތަ ތަފްސީލެއް ވެސް ލިބިފައި ނެތެވެ.

