ހުޅުމާލެއިން މަސްވެރިންނަށް ޑީސަލް ވިއްކާ އަގު އެއްގަމު ޝެޑުތަކާ އެއްހަމަކޮށް ދީފި އެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދުތައް ފުއްދުމަށްޓަކައި ގެނެސްފައިވާ ބަދަލެކެވެ.
މީގެ ކުރިން މަސްވެރިންނަށް ޑީސަލް ވިއްކަމުންދިޔައީ ލީޓަރެއް 14.53ރ. އަށެވެ. ސަރުކާރުގެ ނިންމުމާއެކު ދެން މަސްއޮޑިފަހަރަށް ވެސް ޑީސަލް ވިއްކަމުން ދާނީ 13.92ރ. އަށެވެ.
ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުގެ އަގަށް ހެޔޮކޮށްފައިވާއިރު، މިހާރުވެސް މިފްކޯގެ މަސް ކާރުޚާނާތައް ހުންނަ ރަށްރަށުން މަސްވެރިންނަށް ޑީސެލް ފޯރުކޮށްދެމުން ދަނީ ޚާއްސަ އަގެއްގައެވެ.
ދާދިފަހުން އެސްޓީއޯއިންވަނީ ރާއްޖޭގައި ވިއްކާ ފެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފައެވެ. މި ބަދަލާއިއެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 13.98 ރުފިޔާއެވެ. އަދި ޑީސަލް ލީޓަރެއްގެ އަގުވަނީ 13.92 ރުފިޔާ ހެޔޮކޮށްފައެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދުތައް ފުއްދުމަށްޓަކައި މަސްވެރިންނަށް ހުޅުމާލެއިން ވިއްކާ ޑީސެލްގެ އަގު ހެޔޮކޮށްފައިވާއިރު، މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، މަސްވެރިންނަށް ލިބޭ ނަފާ އިތުރު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

