މަގޭ ސާފު ރާއްޖޭގެ ދަށުން ކުނި އުކާލާ އިތުރު 30 ވެހިކަލް ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.
ވެމްކޯގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި މި ވެހިކަލްތައް ކައުންސިލްތަކާ ހަވާލުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޖަޕާނު ސަރުކާރުގެ އެހީގައި ކުނި މެނޭޖުކުރަން ބޭނުންވާ އާލާތްތައް 25 ރަށަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަގޭ ސާފު ޕްރޮގްރާމުގެ ދަށުން މިދިޔަ ފެބްރުއަރީގައި 48 ރަށަކަށް ކުނި އުކާލާ ވެހިކަލްތަކެއް ވަނީ ހަވާލުކޮށްފަ އެވެ. މިއާއެކު ޖަޕާނުގެ ހިލޭ އެހީގައި ޖުމްލަ 78 ވެހިކަލް ވަނީ ރަށް ރަށަށް ފޯރުކޮށްދީފަ އެވެ.
ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ ވެހިކަލްތަކަކީ އެ ގައުމުގައި އުފައްދައިގެން ރާއްޖެއަށް ގެންނަ ވެހިކަލްތަކެވެ.
ޖަޕާނު ސަރުކާރުން އަންނަނީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ގިނަ އެހީތައް ވަމުންނެވެ. މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރި އިރު ވެސް ޖަޕާނުގެ އެހީ ލިބުނުކަން ފާހަގަކޮށްލެވެއެވެ.

